ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި ބޮޑެތި އަންހެން ކުދިން އެ އަވަށުގައި ގާއިމުކޮށްފައިވާ ވިމެންސް ރިހެބިލިޓޭޝަން ސެޓަރަށް ބަދަލު ކުރުމަށް ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

ކުޑަކުދިންގެ ހިޔަލާ އިންވެގެން މިދިޔަ އަހަރު ޖޫން މަހު ހުޅުވި ވިމެންސް ރިހެބިލިޓޭޝަން ސެންޓަރުގައި މިހާރު ހުންނަނީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުން އަންނަ އަންހެނެއް އެކަންޏެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ރަމީލާ ވިދާޅުވީ ހިޔަލުގައި ތިބި ކުދިންގެ ތެރެއިން 10 އަހަރުން މަތީގެ އަންހެން ކުދިން ވިމެންސް ރިހިބިލިޓޭޝަން ސެންޓަރަށް ބަދަލު ކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއްކަންތައް ކަމަށާއި ކުދިން ބަދަލު ކުރުމުގެ އިދާރީ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

"މިތާނގައި އެބަތިބި 13 އަހަރާއި 14 އަހަރުވެފައި ތިބި ކުދިން ވެސް. އަޅާލާނެ ބަޔަކު ނެތުމުގެ ސަބަބުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެފަދަ ބޮޑެތި އަންހެން ކުދީން ވިމެންސް ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލު ކުރުމަށް،" ރަމީލާ ވިދާޅުވި އެވެ.

ކުޑަކުދީންގެ ހިޔާގައި މިވަގުތު 53 ކުއްޖަކު އެބަތިއްބެވެ. އޭގެ ތެރޭގައި 10 އަހަރުން މަތީގެ ވިއްސަކަށް ކުދިން އެބަތި ކަމަށް ހިޔާގެ އިސް ވެރިޔަކު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.

ހިޔާގެ އެ އޮފިޝަލު ވިދާޅުވީ މިނިސްޓްރީން ނިންމާފައިވާ ގޮތަށް ބޮޑެތި އަންހެން ކުދިން ވިމެންސް ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލު ކުރެވުމުން ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.

ކުޑަކުދިންގެ ހިޔަލަކީ އަޅާލާނެ މައިން ބަފައިން ނެތިފައި ތިބި އުމުރުން 10 އަހަރުން ދަށުގެ ކުދިން ބަލާ މަރުކަޒެކެވެ. ނަމަވެސް ބައެއް ކުދިން 10 އަހަރަށްވުރެ ބޮޑުވި ނަމަވެސް މައިން ބަފައިން ހަވާލު ނުވުމުގެ ސަބަބުން ބޮޑެތި ކުދިން ވެސް މިހާތަނަށް އެ މަރުކަޒުގައި އައީ ގެންގުޅެމުންނެވެ.