ފިރިމީހާ ނިކް ޖޯނަސް އާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހާއްސަ މާސްޓާ ކްލާހެއް އިންޑިއާގެ މުމްބާއީގައި ބާއްވައިފިއެވެ.

'ދަ މައިންޑް އޮފް އެން އެކްޓަރ'ގެ ނަމުގައި ބޭއްވި މާސްޓަރ ކްލާސް ހޯސްޓު ކޮށްދީފައި ވަނީ ކުރި އަރަމުން އަންނަ ބަތަލާ ބޫމީ ޕެޑްނެކަރުއެވެ.

ވަރަށް އެކުވެރި މާޙައުލެއްގައި ކުރިޔަށްދިޔަ މާސްޓަރ ކްލާހުގައި ޕްރިޔަންކާ ވަނީ ބަތަލާ ބޫމީގެ ފިލްމީ ކެރިއަރުގައި ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށް ބޫމީއަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.

ފިލްމު "ދަމް ލަގާކޭ ހައިޝާ"އިން ފިލްމީ ކެރިއަރު ފެށި ބަތަލާގެ ފިލްމީ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީ ތަކުގެ އިތުރުން ބޫމީއަކީ ވަރަށް ގިނަ އަންހެން ކުދިން ނަމޫނާ އަކަށް ބަލާ ބަތަލާ އެއްގެ ގޮތުގައި ޕްރިޔަންކާ ވަނީ ފާހަގަ ކޮށްފައެވެ. ފިލްމު "ދަމް ލަގާކޭ ހައިޝާ" ކުޅުނުއިރު ބޫމީ ކުޅެން ޖެހުނީ ބުރަ ބަރުދަނެއް ހުރު އަންހެން ކުއްޖެއްގެ ރޯލް ކަމަށާ އެފަދަ ޗެލެންޖިންގް ރޯލެއް ކުޅެވޭނީ ވަރަށް ހިތްވަރު ގަދަ ކެރޭ ބަތަލާ އަކަށް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އަދި އެހެންމެ އެ ފިލްމަށް ފަހު ބޫމީގެ ހަށިގަނޑަށް ގެނައި ބަދަލާއެކު ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ދިރިއުޅުމުގައި ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަކީ ކުރެވިދާނެ ކަމެއްކަން ބޫމީ ސާބިތުކޮށްދިން ކަމަށާ އެކަމުން ވަރަށް ގިނަ ޒުވާނުން މިސާލު ނެގި ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ފިލްމު "ދަމް ލަގާކޭ ހައިޝާ"ގައި ބަތަލާ ބޫމިކާ އަދި އެކްޓަރު އަޔުޝްމާން ކުރާނާ

ބަތަލާ ޕްރިޔަންކާ އިންޑިއާއަށް ގޮސްފައި ވަނީ ދާދިފަހުން މުމްބާއިގައި އިފްތިތާޙު ކުރި ޖިއޯ މާމީ މުމްބާއި މި އަހަރުގެ ފިލްމު ފެސްޓިވަލް ލޯންޗު ކުރުމަށެވެ. ޕްރިޔަންކާ އިންޑިއާގައި ހޭދަކުރާނީ ކިހާ ދުވަހެއް ކަމެއް ބުނެފައި ނުވާއިރު ޕްރިޔަންކާ އިންޑިއާއަށް އެނބުރި އަންނަ ކޮންމެ ދަތުރަކީ ވެސް ބަތަލާގެ ސަޕޯޓަރުން ނުހަނު އުފާ ކުރާ ދަތުރުތަކެކެވެ.