ހެއްވާ މަޖާ ރޯލްތައް ކުޅެ އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އެކްޓަރުން ކަމަށްވާ ޝްރެޔާސް ތަލްޕަޅޭ އާއި ތުޝާރު ހޮރޯ-ކޮމެޑީ އަކަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.

ބްރޭވޯ އެންޓަޓެއިންމެންޓްގެ ދަށުން ގެނެސްދޭ މި ފިލްމަކީ، މި ދެ އެކްޓަރުން ފިލްމަކުން ނުފެންނަތާ ވަރަށް ގިނަ ދުވަހަށް ފަހު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

ތުޝާރު އާއި ޝްރަޔޭސް ބެލުންތެރިންގެ މެދުގައި މަގުބޫލުވީ ހެއްވާ މަޖާ ފިލްމު "ގޯލްމާލް" ފްރެންޗައިސްގެ ފިލްމު ތަކުންނެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލް އިންޑިއާގެ ފަރީދާބާދުގައި ފެށިފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެފައި ވާއިރު ފިލްމުގެ ޑައިރެކްޓަރަކީ މަޅަޔާލަމް ފިލްމު ތަކުގައި މަސައްކަތް ކޮށްފައިވާ ސަންގީތު ސީވަންއެވެ. ސަންގީތު ވަނީ ފިލްމު "އަޕްނާ ސަޕްނާ މަނީ މަނީ" ކިޔާ ހެއްވާ މަޖާ ފިލްމެއްގައި ވެސް ޝްރެޔާސް އާއެކު މަސައްކަތް ކޮށްފައެވެ.

އަދި ފިލްމު "ކިޔާ ކޫލް ހެ ހަމް" ގައި ތުޝާރު އާއެކު މަސައްކަތް ކޮށްފައިވާ ކަމަށް ސަންގީތު ވަނީ ބުނެފައެވެ. މި ދެ ތަރިންނާ އެކު ކުރިން މަސައްކަތް ކޮށްފައި ވުމުން ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ސިކުނޑިއަށް ފުރަތަމަ ވެސް އައި ދެ ނަމަކީ ތުޝާރުއާއި ޝްރެޔަސް ކަމަށް ޑައިރެކްޓަރު ސަންގީތު ވަނީ ބުނެފައެވެ.

ތުޝާރު އާއި ޝްރަޔޭސް މުހިއްމު ރޯލް ކުޅުނު ފިލްމު "ގޯލްމާލް"ގެ ޕޯސްޓަރެއް

މި ފިލްމުގައި ޝްރެޔާސް އާއި ތުޝާރު ކުޅެނީ ދެހާހުގެ ކުރީކޮޅު ސްމާޓު ފޯނުތަކާ ދުރުގައި އުޅުނު ޓެކްނޮލޮޖީގެ ދުނިޔެއަށް ބީރަށްޓެހި ދެ މީހެއްގެ ރޯލެވެ. ސޯޝަލް މީޑިއާގެ އަވައިގައި ނުޖެހި އެކަނިމާ އެކަނި ވަރަށް އާދައިގެ ކުޑަ ގެއެއްގައި ދުވަސްތައް ހޭދަކުރަމުން ދިޔަ ދެ މީހަކަމަށް ދިމާވާ ނާމާން ހާދިސާތަކެއް ފިލްމުން ދައްކާނެއިރު މި ހާދިސާތައް ހެއްވާ މަޖާ ހާދިސާތަކަށް ބަދަލުވާނެ ކަމަށް ޑައިރެކްޓަރު ސަންގީތު ވަނީ ބުނެފައެވެ.

މި ފިލްމު ރިލީޒް ކުރުމަށް ވިސްނާފައި ވަނީ ތިއޭޓަރުގައި ކަމަށާ ވަރަށް އަވަހަށް ފިލްމަށް ތާރީޚެއް ލިބޭނެކަމަށް ސަންގީތު ވަނީ ބުނެފައެވެ. ތުޝާރު ކަޕޫރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 ވަނަ އަހަރު ރިލީޒްވި "މާރިޗް" ކިޔާ ފިލްމަކުންނެވެ.