ލޯންޗަށް އެރުމުގެ ކުރިން ނިޔަމް ފަހަތް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދެލޯ މަރައިލިއެވެ. ޒައިލްގެ ހުރިހާ ހަނދާނެއް އެ ފަސްގަނޑަށް ދޫކޮށްފައި އޭނާ އެދަނީ މާ ދުރަށެވެ. އެއީ ނިޔަމް ބޭނުންވި ގޮތެވެ. އެކަމަކު އޭނާގެ ހިތަށް އެހާ ތަދުވަނީ ކީއްވެ ހެއްޔެވެ؟ ޒައިލްއަށް ނާންގާ ފުރައިގެން ދާން އެހާ އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟

********

ނިޔަމް ލޯންޗަށް އެރިއެވެ. އަރުޝާމެންނަށް ހަނާ އަޅައިލާފައި އެތެރެއަށް ވަނެވެ.

"ޑެޑީ..." ދާވިއަން ވަރަށް ބާރަށް ގޮވައިލިއެވެ.

ލޯންޗް ތެރޭގައި ހުރި ޒައިލް ފެނުމުން، ނިޔަމް ދިޔައީ ސިއްސައިގެންނެވެ. ކުރިއަށް ހިނގައިގަންނަންވެސް ނޭނގިފައި ހުއްޓާ، ޒައިލް އައިސް ދާވިއަން އުރާލިއެވެ. އެއަށްފަހު ނިޔަމްގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލައިލިއެވެ.

"ތިގޮތަށް އަނގަ ހުޅުވައިގެން ހުއްޓާ މެއްސެއް ވަދެދާނެ..." ނިޔަމްގެ އަތުގައި އޮތް ދަބަސް އަތުލަމުން، ޒައިލް ވާހަކަ ދެއްކީ ސާމާސާ ރާގަކަށެވެ.

"ލޯންޗް ނައްޓާލަން އެއުޅެނީ..." ނިޔަމް އަވަސް އަވަހަށް ބުނެލިއެވެ. ޒައިލް އެދަތުރުގައި ނިޔަމްގެ ރަށަށް ހިނގައިދާނެކަމަކަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.

"ޏަމްއާއެކީ އަހަރެން ގޮއްސިއްޔާ؟... ތިގެއަކަށް ނުވައްދާނަންތަ؟..." ޒައިލް ސުވާލުކުރީ މައުސޫމުގޮތަކަށެވެ.

ނިޔަމް ލަދުގަތެވެ. ދެފަރާތުގައި ތިބި މީހުންނަށް އަވަސް ނަޒަރެއް ދިނެވެ. އެންމެންވެސް ތިބީ އެބައެއްގެ އަމިއްލަ ކަންކަމުގައި މަސްއޫލުވެއެވެ.

"އަހަރެން މިއައީ ޏަމްއާއެކީ ދާންވެގެން... ދެން ދުރަކު ނުހުރެވޭނެ... ދުރެއް ނުވެސް ކޮށްލެވޭނެ... " ޒައިލް ފާޅުކަންބޮޑު ގޮތެއްގައި އޭނާގެ ހިތުގެ އެދުން ހާމަކުރިއެވެ.

ޝީޓު ނަންބަރު ހޯދައިގެން ދެމީހުން އެކުގައި ގޮނޑިއާއި ދިމާއަށް ހިނގައިގަތެވެ. ޒައިލް އެދަތުރުގައި ބައިވެރިވުމަކީ ނިޔަމްގެ ހިތް އެދުނުގޮތެވެ. އެކަމަކު، މާމަގެ މަތިން ހަނދާންވެ، ނިޔަމްގެ ހިތް ނުތަނަވަސްވިއެވެ. ފުރަތަމަ ނަޒަރުން މާމައަށް މީހަކު ކަމުނުގޮސްފިނަމަ އެމީހެއްގެ އެއްވެސް ރަނގަޅު ކަމެއް ދެން ނުފެންނާނެކަން އޭނާއަށް އެނގެއެވެ. ނިޔަމް ކަންބޮޑުވަނީ، ޒައިލްއަކީ ދާވިއަންގެ ބައްޕަކަން އެނގުމުން ހަދީޖާގެ ނަޒަރު ބަދަލުވެދާނެތީއެވެ.

ނިޔަމް ގޮނޑީގައި އިށީނދެފައި، ވާޓަރުމަތީގައި ހުރި އަރުޝާއަށް ބަލައިލިއެވެ. އަރުޝާ ހުރީ ނިޔަމް ނުބަލައިގެންނެވެ. ދެމީހުން އަތުން އެކަކު އަނެކަކަށް ހަނާއެޅިއެވެ. ފަހުގެ ސަލާންކޮށްލާ ފަދައިންނެވެ. ނިޔަމް ލޮލުގެ އިޝާރާތުން އަރުޝާއަށް ކައިރީގައި އިން ޒައިލް ދެއްކިއެވެ. ދެން ނެގީ ފޯނެވެ. އަރުޝާގެ ކައިރީގައި ފޯނު ބެލުމަށް އެދުނެވެ.

"އަރޫގެ ކަމެއް ދޯ މީ؟..." ނިޔަމް މެސެޖެއް ލިޔެ އަރުޝާއަށް ފޮނުވައިލިއެވެ.

"ހާދަ މޮޅޭ..." ހުރިހާ ދަތެއް ފެންނަވަރަށް ހީލައިގެން އިން އިމޯޖީއަކާއިއެކު އަރުޝާގެ ޖަވާބު ފޮނުވައިލިއެވެ.

"މިދަތުރު ދެކުދިން ގުޅޭނެނަމަ ދޯ؟..." ލޫކްގެ އަތުގެ މުލައްދަނޑީގައި ހިފައިލަމުން އަރުޝާ ބުންޏެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވީ ނިޔަމްމެންނަށެވެ.

"ހީ އިޒް ވެރީ ލަކީ..." ލޫކަށް ބުނެވުނެވެ.

ލޫކް އިސްޖަހައިލީ އެމަންޒަރު ބަލަން އުނދަގޫވެގެންނެވެ. އޭނާގެ އިހުސާސްތައް ދަންނާނެ މީހަކު ނެތީ ހެއްޔެވެ؟ އެންމެ ކައިރީގައި އުޅޭ އެކުވެރިންވެސް އޭނާގެ މަތިން ހަނދާނެއް ނެތެވެ.

ލޫކްގެ އިހުސާސްތަކާއިމެދު ވިސްނޭވަރަށްވުރެ އަރުޝާގެ އުފާވެރިކަން ބޮޑެވެ. އޭނާއާއި ޝަރަފް ރޭވި މޮޅު ރޭވުމަކީ ޒައިލް އެދަތުރުގައި ބައިވެރިކުރުމެވެ. އެކަން ކާމިޔާބުވެއްޖެއެވެ.

ދާވިއަން އިނީ ޒައިލްގެ އުނގުގައެވެ. ނިޔަމް އިނީ ޒައިލްއާއި ޖެހި ފިތިގެންނެވެ. ލޯންޗު އޮތީ ފުރިފައެވެ. އެންމެ ގޮނޑިއެއްވެސް ހުސްކޮށް ނެތެވެ. ޒައިލް ނިޔަމްގެ އުނަގަނޑުގައި އަތް އަޅުވައި ގާތަށް ދަމައިލިއެވެ.

"އަހަރެން އައީމަ އުފަލެއް ނުވޭތަ؟..." ނިޔަމްގެ ކަންފަތް ކައިރިއަށް ޖެހިލަމުން ޒައިލް ސުވާލުކުރިއެވެ.

ނިޔަމް ބޯ ހޫރައިލިއިރު ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ހިތުގެ ހާލު ވަންހަނާކޮށްގެން އިތުރު ދުވަސްތަކެއް ބޭކާރު ނުކުރަން ނިޔަމްގެ ހިތް އެދުނެވެ. އެ އެދުމަށް އޭނާ އިޖާބަދިނެވެ.

"އައި ލަވް ޔޫ...." ޒައިލް ނިޔަމްގެ އަތް މަތީގައި އަތް ބާއްވައިލިއެވެ. ދެމީހުންގެ އިނގިލިތައް އެކަކު އަނެކެއްގެ އިނގިލިތަކާއި ގުޅި ލާމެހުނެވެ.

ޒައިލްގެ އަތަށް ބާރުކޮށްލުން އެއީ ނިޔަމް ދިން ފެހި ސިގުނަލެކެވެ. ދުލުން ނުބުނިކަމުގައިވީ ނަމަވެސް ނިޔަމް ހާމަކުރީ އޭނާގެ ހިތުގެ ހާލެވެ. އެ އަމަލުން ބުނެދިނީ ނިޔަމްގެ ހިތުން ޒައިލްއަށް މަގާމެއް ދެވިފައިވާކަމެވެ. އެ މަގާމަށް ފަނޑުކަމެއް ނާންނަކަމެވެ. ޒައިލް ގެއްލެން ބޭނުންނުވާ ކަމެވެ.

ލޯންޗު ނައްޓާލިއެވެ. ލޫކްގެ ލޯ ކުރިމަތިން ނިޔަމް ގެއްލޭކަށް ގިނައިރެއް ނުނެގިއެވެ. އޭނާއަށް ކުރެވުނީ މުޅި އުމުރަށް ނިޔަމް ގެއްލިގެން ދިޔަކަމުގެ އިހުސާސެވެ. ދެލޮލަށް ކަރުނަ ޖަމާވާން އުޅުމުން ލޫކް ހިނިތުންވެލިއެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އޭނާ ދޫކޮށްލީ ފުން ނޭވާއެކެވެ.

ލޫކްގެ ހާލު އަރުޝާއަށް ވިސްނުނީ އެމޫނު ފެނުނީމައެވެ. އެދެލޮލުން ފެނުނު ރިހުން އޭނާއަށް ކުރިން ފެނުނުނަމައެވެ. ލޫކްގެ ކައިރީގައި ދެއްކުނު ވާހަކައިން އަރުޝާ ދެރަވިއެވެ. ނިޔަމްގެ އުފާވެރިކަން ފެނި ލޫކްގެ މަތިން ހަނދާންނައްތާލެވުނީތީ އަރުޝާ ދެރަވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރިއެވެ.

"ހިނގާ ކޮފީއެއް ބޯން ދާން..." ލޫކްގެ އަތުގެ މުލައްދަނޑީގައި ހިފައި، ކުޑަކޮށް ކައިރިވެލަމުން އަރުޝާ ބުންޏެވެ. "މީހަކު ދިޔަސް އަހަރެމެންނަށް ހެޕީކޮށް އުޅެވިދާނެއެއްނު..."

********

"ނާހާނަންތަ ކީއްވެތޯ އަހަރެން އައީ؟..." ޒައިލް ވާހަކަ ދައްކަން ފެށީ ދާވިއަން ނިދުމުންނެވެ.

"އަހަރެން ހިއެއް ނުކުރަން ޒެލް އަންނާނެ ކަމަކަށް..." ނިޔަމް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން އައީމަ ހެޕީތަ؟..." ޒައިލް ސުވާލުކުރިއިރު، މޫނުން ފެނުނީ އުފާވެރިކަމެވެ.

ނިޔަމް ބޯ ޖަހައިލިއެވެ. އުފާވާކަމަށް ބުންޏެވެ.

"ޔެސް!..." ލިބުނު އުފަލުގައި ޒައިލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. "މިހާރު ކިތައް ޕޮއިންޓް؟..."

"ވަންޕޮއިންޓް މައިނަސް..." ނިޔަމް މަޑުމަޑުން ހީލިއެވެ.

"ވައި؟... ކީއްވެ މައިނަސްވީ؟..." ޒައިލް ދެރަވާކަމަށް ހެދުނެވެ.

"ނުބުނެ އައީމަ..." ނިޔަމް ޒައިލްއާއި ދިމާއަށް އެނބުރުނުއިރު، ޒައިލް އިނީ ނުހަނު ކައިރީގައެވެ.

ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބިއިރު، ލޯބިވާކަން ހާމަކުރަމުން ދިޔައީ ނަޒަރުންނެވެ. ވަޔާއިއެކު ނިޔަމްގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް ޒައިލް އެއްފަރާތްކޮށްލަދިނެވެ. ނިޔަމް ޒައިލްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އުފަލުންގޮސް ޒައިލްގެ ހިތް ހުއްޓުނުހެން ހީވިއެވެ.

"ރަށަށް ގޮއްސަ މާމަގެ ރުހުން ހޯދައިފިއްޔާ އަހަންނާ މެރީކުރާނަންތަ؟..." ޒައިލް އެސުވާލުކުރީ ނިޔަމްގެ ބޮލުގައި ދަތްދޮޅި ޖައްސައިލަމުންނެވެ.

ނިޔަމް ހިނިތުންވެލިއެވެ. ދެވަނަ ސިކުންތުގައި ބޯ ޖަހައިލުމުން ޒައިލްއަށްވެސް ހިނިތުންވެލެވުނެވެ.

ކަނޑުގަދައެވެ. ޒައިލް އައިކަން އެއީ ނިޔަމްގެ ނަސީބެވެ. ނޫންނަމަ، އެހާވަރަށް ހޮޑުލަމުން އޭނާ އެކަނި ދާވިއަން ބަލާނީ ކިހިނެއް ހެއްޔެވެ؟ ޒައިލް އޯގާތެރިއެވެ. ހޮޑުލާ ކޮންމެ ފަހަރަކު ނިޔަމްގެ ބުރަކަށީގައި ފިރުމައިދެއެވެ. ފެންބޯން އެހީވެދެއެވެ. ކޮޅަށް އިންނަން އުނދަގޫވެގެން ނިޔަމް ޒައިލްގެ މޭގައި މޫނު ފޮރުވާލިއެވެ. ރަށާއި ހަމައަށް ދެވުނުއިރު، ނިޔަމްގެ ގައިގައި ހިނގާލާނެ ވަރުވެސް ނެތެވެ.

ރަށުގެ މަލަމަތި ފެއްސެވެ. މޫދު ސާފެވެ. ދެފަރާތުން ބޮޑު ދެ ދޮންވެލި ތުނޑި ފެންނަން އޮތެވެ. ކުޑަކުދިންތަކެއް އަތިރިމަތީގައި ކުޅެން އުޅުނެވެ. އިރުއޮއްސުމުގެ ކުލަވަރު އުޑުމަތިން ފެންނަމުން ދިޔައިރު، އެ އަލީގައި ކުޑަކުދިންގެ ހަރަކާތްތައް ފެންނަލެއް ނުހަނު ހިތްގައިމެވެ. ޒައިލް ހުރީ އަޖައިބުވެފައެވެ. އެހާ ރީތި ރަށެއް އޭނާގެ މުޅި ހަޔާތުގައިވެސް ހަމަލޮލަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

"މަންމީ މާމަ ރަށަށް އާދެވުނީތަ؟..." ލޯންޗް ހުއްޓިހެން ހީވެގެން ދާވިއަންއަށް ހޭލެވުނެވެ. ދެލޯ އުނގުޅަމުން، ފަހަރަކު މީހަކަށް ބަލަމުން ވާހަކަދެއްކިއެވެ.

"ލައްބަ ދަރިފުޅު... އަވަހަށް ތެދުވޭ..." ނިޔަމް އިނީ ދަބަހަށް އެއްޗެހި އަޅާށެވެ. "ޑެޑީއާއެކީ ބޫޓަށް އަރާ އަވަހަށް..."

މާދުރުންވެސް ނިޔަމްއަށް ހަދީޖާ ފެނުނެވެ. ބަރޯއެއް ހިފައިގެން އައި ހަދީޖާ ބޯ އަރިކޮށްފައި ލޯންޗާއި ދިމާއަށް ބެލިއެވެ. ނިޔަމް ފެނޭތޯ ހޯދިއެވެ.

"ހަދީޖާ!... މާމަދަރިންކޮޅު އަންނަނީތަ؟..." ހަދީޖާ ރީތިވެލައިގެން ހުރި ވަރުން ހުސައިންފުޅު އަހައިލިއެވެ.

"އާނ ހުސޭނާ... އަންނާތި ސައިބޯން..." ހަދީޖާގެ ހިނިތުންވުން ފިލައިނުދެއެވެ.

ދާވިއަން އުރާލައިގެން ނިޔަމް ލޯންޗުން ފޭބިއެވެ. ދާވިއަންއަށް ހަދީޖާ ފެނުމާއިއެކު މާމާއޭ ކިޔާ ގޮވައިލިއެވެ.

"މާމަގެ ދޮންކޮޅު..." ދާވިއަން އުރާލަމުން ހަދީޖާ ބުންޏެވެ. "ދަރިފުޅު ވަރަށް ހޮޑުލެވުނުތަ؟..." ނިޔަމްއަށް ބަލައިލަމުން ހަދީޖާ އަހައިލިއެވެ.

"ވަރަށް ގިނައިން ލެވުނު... މިއަދު ވަރަށް ކަނޑުގަދަ..." ނިޔަމް ވާހަކަ ދެއްކިއިރު، އޭނާއަށް ބެލެމުންދިޔައީ މާމަގެ ނިކަމެތިވެފައިވާ ހަށިގަނޑަށެވެ. ކުރިއާއި އަޅާ ބަލާއިރު އެހަށިގަނޑު އަނަރޫފައެވެ.

"މާމަ ރަނގަޅަށް ނުކަންދޯ؟..." ނިޔަމް އަހައިލިއެވެ.

"މާމަ ހުންނަނީ ކައިގެންނޭ... ދަރިފުޅު ހާދަ ހިކިހެން މާމައަށް އެބަ ހީވެއޭ..." ހަދީޖާވެސް ބެލީ ނިޔަމްގެ ހަށިގަނޑަށެވެ.

ފޮށިތައް ހިފައިގެން ޒައިލް އެދިމާއަށް އަންނަން ފެށުމުން ނިޔަމްގެ ހިތް ތެޅިގަތެވެ. ހަދީޖާގެ ކައިރީގައި ޒައިލްގެ ވާހަކަ ބުނާނެގޮތެއް ނޭނގިގެން އުޅެނިކޮށް، ފޮށިތަކާއިއެކު ޒައިލް ގޮސް ނިޔަމްމެންގެ ކައިރިއަށް މަޑުކޮށްލިއެވެ. ޒައިލްގެ ފައިން ފެށިގެން މޫނާއި ހަމައިން ހަދީޖާގެ ނަޒަރު ހުއްޓުނެވެ.

"ކޮން ކުއްޖެއް؟..." ދާވިއަންއަށް އަވަސް ނަޒަރެއް ދީފައި ޒައިލްއަށް ބަލައިލަމުން ހަދީޖާ ސުވާލުކުރިއެވެ. ދެމީހުންގެ ވައްތަރުގޮތެއް ހުރިކަން ފުރަތަމަ ނަޒަރުންވެސް އޭނާއަށް އެނގުނެވެ.

"މާމާ!... މީ ޒައިލް... ޒައިލް މީ އަހަރެންގެ މާމަ..." ނިޔަމް ފަހަރަކު މީހެއް ތައާރަފްކޮށްދިނެވެ.

"މީ ދަރިފުޅަށް ލަނޑުދިން ސޮރުތަ؟..." ހަދީޖާ ފޮރުވާކަށް ނޫޅުނެވެ. "ތީ އަހަރެންގެ ދަރި ރޮއްވާ ބެލްތަ؟..."

އެހާ ސީރިއަސްވެފައި ހުރެފައިވެސް ހަދީޖާ ބުނި އެއްޗެއް އަޑު އިވުމުން ނިޔަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒައިލް ހުރީ ބިރުން ހީލަންވެސް ނުކެރިފައެވެ.

"ޒެލް..." ނިޔަމް ރަނގަޅުކޮށްލަދިނެވެ.

"ދަރިފުޅު ބުނީ އެކަނި އަންނަ ވާހަކައެއްނު... އިތުރު މީހަކު އަންނާނެ ކަމަށް މާމަ ތައްޔާރެއް ނުކުރަން..." ޒައިލްއާއި ދިމާއަށް ފާޑަކަށް ބަލައިލަމުން ހަދީޖާ ބުންޏެވެ.

"ކޮން ކަމެއް މާމައަށް ތައްޔާރުކޮށްދޭންވީ؟.." ލިބުނު ފުރުސަތުގެ ބޭނުން ހިފައި ޒައިލް އަވަސް އަވަހަށް އަހައިލިއެވެ.

ހަދީޖާ އެއްޗެއް ނުބުނެ ޒައިލްއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

(ނުނިމޭ)