31 Oct 2023, 08:56
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންތައް ކުރިއަށްގެންދާ ހަރަކާތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހާމަކޮށްފިއެވެ.
"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ގިނަ ހަރަކާތްތަކަކާއެކު އިވެންޓެއް ފެށީ މިދިޔަ ހުކުރު ދުވަހުގައެވެ. ފަންޑްރެއިޒިންގެ ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްދާ އިވެންޓުތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
މި އިވެންޓު އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) "ސަން" އަށް ކިޔައިދިން ގޮތުގައި އާންމުންނަށް އެނގޭ ގިނަ މޫނުތަކެއް އެކީގައި ފެންނާތީ މި އިވެންޓަށް ކުރާ އިތުބާރު އާންމުންގެ ތެރޭގައި ވަރަށް ބޮޑު ކަމަށެވެ.
އެގޮތުން އެކި ހަރަކާތްތަކަށް އޮތް ސަޕޯޓު އިތުރުވެ އެފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންގޮސްދިނުމަށް އާންމުންގެ ފަރާތުން އެދެމުން އަންނަ ކަމަށް ޔޫއްޕެ ފާހަގަކުރިއެވެ.
މި މުޅި ހަރަކާތަކީ ވަރަށް ރަނގަޅު ނިޔަތެއްގައި ކުރިއަށް ގެންދާ ހަރަކާތަކަށް ވާތީ، މިފަދަ އިވެންޓަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމަކީ ވަރަށް ހިތް ހަމަ ޖެހޭ ކަމެއް ކަމަށް ޔޫއްޕެ ފާހަގަކުރިއެވެ.
ތަރީން ކުރިއަށް ގެންދާ އިވެންޓުގެ ތެރެއިން މިހާރު ފިލްމު ފެސްޓިވަލެއް އޮލިމްޕަހުގައި ކުރިއަށްދާއިރު ތަރީން އަމިއްލަ އަށް ބައިވެރިވެ އެކި ކަހަލަ މަސައްކަތްތައް ކޮށްގެން ފައިސާ ހޯދުމަށް ވެސް މި ހަފުތާ މަސައްކަތް ކުރާނެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަސް ރޭހެވެ. ނަމަވެސް މަސް ރޭހަށް ފަހު އަދި ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ހޮނިހިރު ދުވަހު ބޭއްވުމަށް ވެސް އަންނަނީ ރާވަމުން ކަމުގައި އޭނާ ފާހަގަކުރިއެވެ. މި ހަރަކާތްތައް ނިމުމުން ފަންޑު ފޮށިތައް ހުޅުވައި ފައިސާ ގުނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޔޫއްޕެ ބުންޏެވެ.
ފަންޑު ފޮށްޓަށް ވެސް ވަރަށް ބޮޑު އެހީތަކެއް ލިބެމުން އަންނަ ކަމުގައި އޭނާ ފާހަގަކުރެއެވެ. އެހެންވީމާ ރަނގަޅު އަދަދަކަށް ފައިސާގެ އެހީއެއް ހޯދޭނެ ކަމަށް ބެލެވޭ ކަމަށް ޔޫއްޕެ ބުނެއެވެ.