30 Oct 2023, 22:56
ޕީއެންސީގެ ކެންޑީޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވުނީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯފުޅު ޖައްސަަވައިގެން ކަމަށާއި އެ ކަން ހަނދާން ނައްތައިލެގެން ނުވާނެ ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕިއެމް އޮފީހުގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ހޯދައިދިނުމަށްޓަކައި އެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ބުރަ މަސައްކަތްތަކެއް ކުރިކަ މަށެވެ. އެ ކަމަށް ޝުކުރު ހައްގު ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ނަމަވެސް އެ ކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލެއްވީ ރައީސް ޔާމީން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"އެކަމު ގަބޫލުކުރައްވާ، އެންމެ ބޮޑު ގުރުބާނީއެއް، އެންމެ ބޮޑު އަގެއް، އެންމެ ބުރަ ތަކުލީފު ހަތަރު އަަހަރު ޖަލުގައި ހޭދަކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު. އެހެންވީމާ މިރޭ އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުގެ ނަސޭހަތަކީ، އަޅުގަނޑުމެން މި ކެމްޕޭނަށް ނިކުތީ ފޮޓޯގަނޑު ޖައްސަވައިގެން ރައީސްގެ. ރައީސްގެ ފޮޓޯ ޖައްސަވައިގެން،" ޖަމީލު ވިދާޅުވިއެވެ.
އިންތިޚާބުގައި އެ މަނިކުފާނަށް ވާދަނުކުރެެއްވޭނެކަން ޔަގީންވުމުން އިދިކޮޅު ލީޑާޝިޕުން ލަސްނުކޮށް ނަމެއް ފޮނުވުމަށް އެންގެވި ކަމަށާއި ޑރ. މުއިއްޒާއި، މެންބަރު ހުސައިން މުޙައްމަދު ލަތީފްގެ ނަންފުޅު އެ މަނިކުފާނާ ހަމައަަށް ފޮނުވުމުން ލަސްނުކޮށް އިލެކްޝަންސް ކޮމިޝަނަށް އެ ނަންފުޅުތައް ހުށަހަޅުއްވަން ރައީސް ޔާމީން އެންގެވިކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"އެ ރައީސްގެ ވާހަކަ މި ދައްކަނީ. އަޅުގަނޑު މިރޭ ބޭނުން ފުރަތަމަ ކަމަކަށް ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، އަޅުގަނޑުގެ ނަމުގައި ރައީސް ޔާމީނަށް އިޚްލާސްތެރި ޝުކުރެއް އަދައިކުރަން،" ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ވެސް ކެމްޕޭން ތެރޭ ކުރެއްވި މަސައްކަތްޕުޅަށް އެ މަނިކުފާނު ޝުކުރު އަދައިކުރެއްވިއެވެ. އަދި، ކާމިޔާބު ހިފެހެއްޓުމަށް ޓަކައި މެންބަރުން އެކުވެރިކަމާ އެކު މަސައްކަތްކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ހެދޭނެ އެންމެ ބޮޑު ގޯހަކަށްވާނީ ކާމިޔާބީ ލިބުނު ގޮތް ހަނދާން ނައްތައިލުންކަމަށެވެ.
"ހެދޭނެ އެންމެ ބޮޑު ގޯހަކީ އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބީ ލިބުނު ގޮތް ހަނދާން ނައްތައިލުން. ކިހިނެއްހޭ އައީ، ކާކުހޭ އެންމެ ބޮޑު ގުރުބާނީއެއްވީ، ރައީސް ޔާމީން. ކޮން ބައެއްގެ މަސައްކަތްހޭ، ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުން،" ޖަމީލް ވިދާޅުވިއެެވެ.
މިރޭގެ ޖަގަހަ ޖަލްސާއަކީ ގާތްގަނޑަކަށް 10 މަސް ދުވަހަށް ފަހު ރައީސް ޔާމީން ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ އެންމެ ފުރަތަަމަ ޖަލްސާއެވެ. އަދި، މިއީ ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޔާމީން ޕޯޑިއަމަކުން ރައްޔިތުންނާ މުޚާތަބު ކުރެެއްވި ފުރަތަމަ ޖަލްސާއެވެ.
ނަމަވެސް މިރޭގެ ޖަލްސާއަށް ޑރ. ޖަމީލް ފިޔަވައި، ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ އެހެން ބޭފުޅުން ހާޒިރުވެނުލައްވައެވެ.