ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ އިލްޔާސް ވަހީދު (އިއްލެ)ގެ ކޮމެޑީ ފިލްމު "ފްރީ ޑެލިވަރީ"ގެ ޓިކެޓް އޮލިމްޕަހަށް ނުގޮސް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ނޮވެމްބަރު މަހުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވާ ފިލްމުގެ ޓިކެޓު ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެއެވެ. އެއާއެކު ގޭގައި ތިބެ ޓިކެޓް ހޯދާލެވޭނެއެވެ.

ފިލްމުގެ ޓިކެޓު ގަތުމަށްޓަކައި 7242555 އަށް ވައިބާ މެސެޖު ކޮށްލުމުން ޓިކެޓުގެ ހުރިހާ ކަމެއް ޕްލެޓްފޯމު ތެރެއިން ހަމަޖެހިގެން ދާނެއެވެ. އެއާއެކު ބުކިން ހަދައި، ސިނަމާއަށް ގޮސް ޓިކެޓު ނެގުން ފަދަ ކަންތައް ކުރާކަށް ކޮންމެހެން ނުޖެހޭނެއެވެ.

ފްރީ ޑެލިވަރީ އަކީ އިއްލެގެ ފުރަތަމަ ކޮމެޑީ ފިލްމެވެ.

އިއްލެ އަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ ޑައިރެކްޓަކަށް ވެފައި މީގެ ކުރީން ނެރުނު ފިލްމަކީ އިޖުތިމާއީ ބައެއް މައްސަލަތަކަށް އަލިއަޅުވާލާ ފިލްމެވެ. އެގޮތުން އިއްލެގެ ދެ ފިލްމު މީގެ ކުރީން ނެރެފައިވާއިރު ދެ ފިލްމަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ

މިފަހަރު އިއްލެ ލިޔެ ޑައިރެކްޓު ކުރަނީ އޭނާއަށް ތަފާތު އުފެއްދުމެކެވެ. މިއީ އިއްލެ ލިޔެ އަދި ޑައިރެކްޓް ކުރާ ފުރަތަމަ ކޮމެޑީ ފިލްމެވެ.

ފިލްމުގެ ލީޑު ކާސްޓުން ފެންނާނީ އައިޝާ އަލީ އާއި ރައުފަތު ސޯދިގުގެ އިތުރުން ތާތި އާދަމް އެވެ. މި ފިލްމުގެ ކާސްޓު ބޮޑުއިރު އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފާއި ވާޝިޔާ މުހައްމަދުގެ އިތުރުން ހާފިޒް މުހައްމަދާއި ފާޒިލް ފަޔާޒް އާއި ފާތިމަތު ލަތީފާ އަދި މަރިޔަމް ވަހީދާއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އާސިމް އަލީ އާއި އާމިރު އަލީ އަދި އިއްލެ އެވެ. އޮލިމްޕަހުގައި ފިލްމު އަޅުވާއިރު ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ ހަތަރަކުން ފެށިގެންނެވެ.