17 May 2012, 13:10
ވެރިކަން ބަދަލުވިގޮތް ބެލުމަށް އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) ޗެއާއަކަށް ހުންނެވި އިސްމާއިލް ޝަފީއު މި މަހުގެ 31ގައި އެ ކޮމިޝަނުން ވަކިވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލް ހޯލުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވިދާޅުވީ އިސްމާއިލް ޝަފީއުއާ ގުޅޭ ގޮތުން އެކި ފަރާތްތަކުން ޝަކުވާ ކުރަމުންދާތީ އެމަނިކުފާނު މިމަހުގެ 31ގައި އެ ކޮމިޝަނުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ ހުންނެވި މަގާމަށް އޯލްޕާޓީ ޓޯކްސްގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ ވަޑައިގަނަންވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
~
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަމާއި އަދި އެ ނޫން ވެސް ވުޒާރާތަކެއް ހިންގެވި އިސްމާއިލް ޝަފީއުއާ ގުޅޭ ގޮތުން އެމްޑީޕީން ވެސް ފާޑުކިޔަނީ "އޭނާއަކީ މާގޯސް މީހަކަށްވާތީއަކީ ނޫން" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންކުއަރީ ކޮމިޝަންގެ މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ އެ މީހަކީ ޔުނިވާސީޓީގެ ޑިގްރީއަކާއި މުޖުތަމައުގެ ގަދަރު ލިބިފައިވާ މީހަކަށް ވުމާއި ވޭތުވެދިޔަ ދެ އަހަރު ސިޔާސީ ހަރަތާތެއްގައި އުޅެފައި ނުވުމާއި ކެބިނެޓްގެ ވަޒީރަކަށް ވޭތުވެދިޔަ ދެ އަހަރު އުޅެފައި ނުވުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވޭތުވެދިޔަ ދެ އަހަރު އުޅެފައި ނުވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ފެބްރުއަރީ 7، 2012ގެ ހާދިސާއާ ގުޅިގެން ޕަބްލިކް ސްޓޭޓްމަންޓެއް ދީފައި ނުވާ މީހަކަށް ވެސް ވާންޖެހޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޮމިޝަންގައި ތިއްބެވި ޑރ. އިބްރާހިމް ޔާސިރާއި ޑރ. އަލީ ފަވާޒް ޝަރީފަކީ އެ ޝަރުތުތައް ހަމަވާ ބޭފުޅުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދިވެހި ސަރުކާރާއި ކޮމަންވެލްތުގެ ސްޕެޝަލް އެންވޯއީ ޑޮނަލްޑް މެކިނަންއާ އެކު ސޮއިކޮށްފައިވާ ކޮމިޓްމެންޓުގައިވާ ކަންތައްތައް ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވީ އެ ކޮމިޓްމެންޓުގައިވާ ގޮތުން ވެރިކަން ބަދަލުކުރުމަށް އެމަނިކުފާނު ރައީސް ކަމުން އިސްތިއުފާދިނުމަށް އެއްވެސް ބަޔަކު މަޖޫބޫރު ކުރުވާފައިވޭތޯ ކޮމިޝަނުން ތަހުގީގު ކުރާނެ ކަމަށެވެ. ނަމަވެސް ކުރިން އެ ކޮމިޝަނުން ބަދަލަމުން ދިޔައީ ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8، 2012އާ ހަމައަށް ހިނގާފައިވާ ކަންތައްތައް ކަމަށެވެ.
"މެކިނަންނާ އެކު މިއޮތީ ސޮއިކޮށްފައި ކޮމިޓްމެންޓެއްގައި ފުރަތަމަ ކޮމިޝަން ހަދަން ނިންމިއިރުގައި ފުރަތަމަ އޮތީ 14 ޖެނުއަރީން ފެށިގެން 8 ފެބްރުއަރީއާ ދެމެދުގައި ހިނގާފައިވާ ކަންކަން ބަލައި ތަހުގީގު ކުރުމަށް ކޮމިޝަން ހުޅުވާލެވުނު ކަމަށް. އެހެނަސް މިހާރު މިއޮތީ ސީދާ ގޮތުގައި ތަހުގީގު ކުރުމަށް ނިންމާފައި، މިއޮތީ 7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމަކީ އެއީ އަޅުގަނޑަށް މަޖުބޫރީ ހާލަތެއް ގެނެސްގެން ހިނގި ކަމެއްތޯ ބެލުމަށް،"
ނަޝީދު ވިދާޅުވީ ކޮމަންވެލްތުން ހުށަހެޅި ހުށަހެޅުންތަކާ އެކު ކޮމިޝަނަށް ލިބިގެންވާ ބާރުގެ ތެރޭގައި ބޭންކު އެކައުންޓްތައް ބެލުމާއި ފޯން ކޯލްތަކާއި ޓެކްސް މެސެޖްތަކާއި ފޮޓޯ އާއި ވީޑިއޯ ބަލައި ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ކޮންމެ މީހަކު ވެސް ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ބޭރާއި އިހްތިޔާރު ކޮމިޝަނަށް ލިބިގެންވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވުމަށް ފަހު ރައީސް ވަހީދުގެ އިއްތިހާދުގެ ސަރުކާރަށް 100 ދުވަސް ފުރުނު އިރު، އެމްޑީޕީ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ބަޣާވާތް ބަލައި ތަހުގީގު ކުރުމަށް އުފައްދާފައިވާ އިންކުއަރީ ކޮމިޝަން މިނިވަން ކުރެވުން ކަމަށެވެ.