"ނޫނޭ... އިތުރު މީހަކުވެސް އެބަ އާދޭ... ހާދަ ލަސްވެއްޖެއޭ..." އަރުޝާ ވާހަކަދެއްކީ ދޮރާއި ދިމާއަށް ބަލަން އިނދެއެވެ. "ހަމަ ބުނާއިރަށް އެއައީ..." އަރުޝާ ކޮޅަށް ތެދުވިއެވެ. އެމީހަކަށް އަތުން ހަނާ އަޅައިލިއެވެ.

********

ނިޔަމް ހީކުރީ ޒައިލް ކަމަށެވެ. ފަހަތް ބަލައިލި ވަގުތު ލޫކް ފެނުމުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ލޫކް ހުރީ ހިނިތުންވެލައިގެންނެވެ. ހިނގަމުން އައިއިރު އެއްވެސް އަނިޔާއަކާއި ކުރިމަތިލާފައިވާ މީހެއް ހެން ހީނުވެއެވެ.

"ލޫކް..." ހިނިތުންވެލަން އުޅުނަސް، ނިޔަމްއަށް އެކަމެއް ނުވިއެވެ.

ލޫކް ހެޔޮހާލުގައި ހުއްޓާ ފެނުމުން ނިޔަމްއަށް ހިތުގެ އަޑިން ޝުކުރުކުރެވުނެވެ. އުފާވާން ބޭނުންވިއެވެ. އެކަމަކު އޭނާގެ މޫނުން އުފާވެރިކަމެއް ނުފެނުނެވެ. ހިނގައިދިޔަ ހާދިސާގެ ފަހުން ލޫކާއި ހަތަރުކަޅި ހަމަކުރަން ނިޔަމްއަށް އުނދަގުލެވެ. ލޫކް ފެންނަ ކޮންމެ ފަހަރަކު ނިޔަމްއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ. ސޮބާހުގެ ހަމަލާތައް ލޫކަށް އަމާޒުވީ އެއްވެސް ރަހުމެއް ނެތިއެވެ. ދެންމެ ވީ ކަމެއްހެން އެ މަންޒަރު ނިޔަމްގެ ލޯކުރިމަތިން ސިފަވެގެންދެއެވެ.

"ޖިންނިއެއް ފެނުނީތަ؟..." ނިޔަމްއާއި އަރާ ހަމަވެފައި ލޫކް ސަމާސާކޮށްލިއެވެ.

ލޫކްގެ ސަމާސާގައި ބައިވެރިވީ އަރުޝާ އެކަންޏެވެ. ނިޔަމްއަށް މަޖަލެއްނުވިއެވެ. ލޫކް އިށީނުމުންވެސް ނިޔަމް ހުރީ އިށީންނަންވެސް ނޭނގިފައެވެ.

"އިށީނދެބަލަ..." އަރުޝާ ހެމުން ނިޔަމްގެ ދެކޮނޑުގައި ހިފައި ގޮނޑީގައި ބޭންދިއެވެ.

"އަހަރެން ރަނގަޅޭ... ބަލާބަލަ ނުވޭ އެއްވެސް ކަމެއް..." ނިޔަމްއަށް ވީގޮތް އެނގުމުން ލޫކް ބުނެލިއެވެ.

ދެމީހުންގެ ހަރަކާތްތަކަށް ބަލަން އިން އަރުޝާ ތެދުވިއެވެ. ލޫކާއި ނިޔަމް ވާހަކަ ދައްކަން ފުރުސަތުދީފައި އޭނާ އެތަނުން ދިޔައީ މުހިއްމު ފޯނެއް އައިސްފިކަމަށް ބުނެފައެވެ. އެއީ ލޫކާއި އަރުޝާ ރޭވި ގޮތެވެ.

"އަރޫ ބުނި ޔަމް ރަށަށް ދާ ވާހަކަ... ތެދެއްތަ؟..." އަރުޝާ ދިޔަ ދިމާއަށް ބަލަން އިނދެފައި، ލޫކްގެ ނަޒަރު ނިޔަމްއަށް ހުއްޓައިލިއެވެ.

ނިޔަމް އިނީ ޖޯޑުގައި ޝަހާދަތް އިނގިލި ޖައްސާލައިގެންނެވެ. ތަށީގެ ވަށައިގެން އިނގިލި ހިންގަމުން ދިޔައިރު ފިކުރު ބޮޑުވެފައިވާވަރު އެމޫނުން ފެންނަމުން ދިޔައެވެ.

"އަރޫ މިހާރު އެވާހަކަވެސް ބުނީތަ؟..." ނިޔަމް ލޫކަށް ބަލައިލިއެވެ. ޗޮކެއް ކަނޑައިލިއެވެ. "ކުޑަކޮށް ހުއްޓަސް ވަރަށް އަނގަގަދަ ކުއްޖެއް އެއީ..."

"އަހަރެން ކައިރީ ބުނުން މައްސަލައެއްތަ؟..." ލޫކް ޝަކުވާ ކުރިއެވެ. "މިހާރު އަހަރެން އެހާ ދުރުކޮށްލީތަ؟..."

ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެއްލިފައި ކުޑަ އިރުކޮޅަކު ތިއްބެވެ. ދެމީހުންގެ ދެމެދަށްވެސް ހުސްކަމެއް އައިސްފައިވާކަމުގެ އިހުސާސް އެކަކު އަނެކަކަށް ކުރެވުނެވެ. ލޫކްގެ އެކުވެރިކަން ގެއްލޭކަށް ނިޔަމް ބޭނުމެއް ނުވެއެވެ. ލޫކްވެސް އެފަދައެވެ. ދިމާވި ހާދިސާގައި ކުށްވެރިއަކީ ނިޔަމް ނޫންކަން ވިސްނައިދޭން އޭނާ ބޭނުންވިއެވެ. އެކަމަކު، ދެމީހުންވެސް ފަސްޖެހެނީއެވެ. ބިރުގަންނަނީއެވެ.

އާޔަތުގެ ހަގީގަތް އެނގުމުން ނިޔަމްއަށް ވާނެގޮތް ހިތަށް އަރާފައި ލޫކްގެ ހިތަށް އުނދަގޫވިއެވެ. މިހާރުވެސް ނިޔަމްގެ ދިރިއުޅުން އުފާވެރިއެއް ނޫނެވެ. އެތައް ގޮންޖެހުމަކާއި އެކުގައިވެސް ހިތްވަރު ކުރެވޭތޯ ނިޔަމް ކުރާ މަސައްކަތް އެންމެ ރަނގަޅަށް އެނގޭ އެކަކީ އޭނާއެވެ. އެކަމަކު، އާޔަތުގެ ހިތި ހަގީގަތް އެނގޭ އިރަކުން ނިޔަމްގެ ހިތް ފަޅައިގެންދާނެއެވެ.

"އަހަރެންގެ ސަބަބުން ހާދަ މީހުންނަކަށް ތަކުލީފު ޖެއްސިއްޖެއޭދޯ..." ފުން ނޭވާއެއް ދޫކޮށްލަމުން ނިޔަމް ބުނެލިއެވެ.

ނިޔަމް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ އެތައް ހާސް ރިހުމެވެ. ލޫކަށް ހިންދިރުވައިލެވުނެވެ. ނިޔަމްއަށް ނޭނގުނު ނަމަވެސް، ނިޔަމްގެ މޫނުން ފެންނަ ކޮންމެ ރިހުމެއްގެ އަސަރު އޭނާއަށް ކުރެއެވެ. ދުލުން ބަޔާންނުކުރި ކަމުގައިވިޔަސްމެއެވެ. ލޫކްގެ ދެލޮލަށް ބަލައިފިނަމަ އެކަން ބޭޒާރުވާނެއެވެ. ނިޔަމްގެ ކުށެއް ނެތްކަން އޭނާ އެ އަންހެންކުއްޖާއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މަޑުން ހުއްޓަސް، ނިޔަމްއަކީ ބޯހަރު އަންހެންކުއްޖެކެވެ.

"ޔަމް ޗުއްޓީ ނެގި ވާހަކަ އެޗްއާރުން ބުނި..." ލޫކް މަސައްކަތް ކުރީ މައުޟޫޢު އޮޅުވާލާށެވެ. "ރަށަށް ދާއިރު އަހަރެންވެސް ގެންދަންވީނު..." ސަމާސާއަކަށް ހަދާފައި ބުނި ނަމަވެސް ލޫކް ބުނީ އޭނާގެ ހިތް އެދުނު ގޮތަށެވެ.

"ލޫކްއަކަށް ނޫޅެވޭނެ އެގެއަކު..." ފާޅުގައި ނޫނެކޭ ބުނަން ނުކެރިގެން ނިޔަމް ބުނެލިއެވެ.

"އެ ކީއްވެ؟... އަހަރެން ހަޑިވީމަތަ؟..." ސަމާސާ ރާގަކަށް ލޫކް ބުންޏެވެ.

"ވަރަށް ކުރީގެ ގެއެއް ހުންނާނީ... ވަޅުން ފެންވަރަންވެސް ޖެހޭނީ... ފަން ބަދިގެ..." ނިޔަމް ވާހަކަ ދައްކަން އިނދެފައި ލޫކް ހޭން ފެށުމުން ހުއްޓައިލިއެވެ.

"ތިއުޅެނީ އަހަރެން ބިރުގަންނުވަންތަ؟..." ހެމުންހެމުން ލޫކް ބުންޏެވެ. "އަހަރެން މީ އެހާ ފޮނި މީހެއް ނޫން... އަހަރެން މާ އުޅޭހިތްވޭ ތިކަހަލަ ގޭގޭގަ..."

"ދެން ތި ދާތާކަށް ދާއިރު އޭނަޔާ ދެންހުރި މީހަކާވެސް ގޮވައިގެން ދޭބަލަ..." އަރުޝާގެ އަޑަށް ނިޔަމްއާއި ލޫކް އެއްފަހަރާ އަޑު އައި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. ދެއުކުޅުގައި އަތްވިދެލައިގެން އަރުޝާ ހުއްޓެވެ. "ދެމީހުން ތެރެއިން މީހަކު ޗޫޒްކުރަން މާމައަށް ވަރަށް ފަސޭހަވާނެ..." އަރުޝަ ފަހު ޖުމުލަ ބުނީ ނިޔަމްގެ ކަންފަތް ކައިރީގައި ވައި އަޑުންނެވެ.

ނިޔަމް ދެލޯ ހަނިކޮށްލިއެވެ. ގަދަކަމުން ކަހަލަގޮތަކަށް އަރުޝާ ދުރުކުރިއެވެ.

"ވަން މިނެޓް..." ޝަރަފް ގުޅާ ތަން ފެނުމުން އަރުޝާ ބުންޏެވެ.

ފޯނު ނަގައި ކަންފަތުގައި ޖަހަމުން އޭނާ ތަންކޮޅެއް ދުރަށްޖެހުނެވެ. ފޯނުގެ އަނެއްކޮޅުން ޝަރަފް ހުއްޓާނުލައި ކެއްސަނީއެވެ. ވާހަކަ ދެއްކުނީވެސް އިރުކޮޅެއް ފަހުންނެވެ.

"ދީބަލަ ބޭސްގުޅައެއް..." ޝަރަފް އެދުނެވެ.

"އަހަރެން މީ ޑޮކްޓަރެއްތަ؟... ނޫނީ ތި ގުޅީ ފާމަސީއަކައްތަ؟..." އަރުޝާ ތުއިވެލިއެވެ.

"ތީ އަހަރެންގެ ހިތުގެ ޑޮކްޓަރޭ ބުނެފިއްޔާ؟..." ޝަރަފްގެ ލާނެތް ސަމާސާއިން އަރުޝާއަށް ހެވުނެވެ. "މިއުޅެނީ ކެއްސަ ކެއްސާފަ މޭގަ ރިއްސާފަ މީހަކު މިސްވެގެން..."

"ތި މިސްވާ މީހަކަށް ގުޅާ..." އަރުޝާ ނޫންކަމަށް ހެދުނެވެ. "ބާއްވަނީ..."

"މަޑުކޮށްބަލަ... ކަމަކުއޭ މިގުޅީ..." އަރުޝާ ފޯނު ކަނޑާލަފާނެތީ ޝަރަފް ބިރުގަތެވެ. "ނިޔަމް އެބަހުރިތަ ކައިރީ؟..."

ޝަރަފް އަހައިލިގޮތުން އަރުޝާއަށް ނިޔަމްއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ނިޔަމްވެސް އިނީ އެދިމާއަށް ބަލަހައްޓައިގެންނެވެ. ފާޑަކަށް ހިނިއައިސްފައެވެ. އަރުޝާ އަވަހަށް ނޫންކަމަށް ހަދާލާފައި ނިޔަމްގެ ނަޒަރުން ސަލާމަތްވިއެވެ.

"ޔަގީނޭ ކޮންމެސް ބިޓެއް ނަގައިގެންކަން އެއުޅެނީ... ވާހަކަދެއްކި ގޮތުންވެސް އެނގެއެއްނު..." ނިޔަމް ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ވަރަށް ސިއްރުން އެ އުޅެނީ... އަހަންނަށް އެބަ އެނގޭ ކާކުކަން ގުޅައިގެން އެ އުޅެނީ... ހުރެބަލަ ނިކަން..."

"އަހަރެން އެބަ އަންނަން ސިއްރުން އަޑުއަހާލާފަ..." ނިޔަމްގެ ސަމާސާގައި ލޫކްވެސް ބައިވެރިވިއެވެ.

********

ކޮޓަރިއަށް ވަން އާޔަތު ހުރީ ދާހިއްލާ ފޯވެފައެވެ. ސިއްރުން ދެކޮޅު ބަލަބަލާފައި ދޮރު ލައްޕައި ތަޅުލިގޮތުން ނުޒުހަތު އިނީ ވާނުވާ ނޭނގިފައެވެ. ދޮރު ތަޅުލެވިފައި ހުރިތޯ އާޔަތު ދެތިންފަހަރު ބެލިއެވެ. ހަދާނެގޮތެއް ނޭނގިގެން އުޅޭ މީހަކު ފަދައިން އޭނާ ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ.

"ދަރިފުޅާ... އިހަށް މިތާ އިށީނދެބަލަ..." ނުޒުހަތު އެދުނެވެ.

އާޔަތު ހުރީ ދާހިއްލާ ފޯވެފައެވެ. ނުޒުހަތަށް ބަލަން އިރުކޮޅަކު ހުރެފައި، އޭނާ ކުއްލިއަކަށް ނުޒުހަތުގެ ފައިދަށަށް ތިރިވިއެވެ.

"މަންމާ... ބައްޕަކައިރީ ބުނެބަލަ އަހަރެން ސަލާމަތްކުރާށޭ..." އާޔަތު ރޯން ފެށިއެވެ. "އެމީހުން އަހަރެން ގެންދާނެ... މަންމައާވެސް ދުރުކުރާނެ..."

"ކާކު؟..." ނުޒުހަތުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"ޕޮލިހުންނޭ މަންމާ..." އާޔަތު ނުޒުހަތުގެ އަތުގައި ހިފިއެވެ. "ގޭ ކައިރީވެސް އެމީހުން އެބަތިބި... އަހަންނަކަށް ނޭނގެ ދާނެ ތަނެއް... ޓީވީއިން ފޮޓޯ ދައްކައިފިއްޔާ؟... މަންމާ!... ހިނގާ އަވަހަށް މިގައުމުން ދާން... އެއްވެސް މީހަކަށް ނުފެންނަ ތަނަކަށް ދާން ހިނގާ..."

އާޔަތު އަވަސް އަވަހަށް ވާހަކަ ދައްކަމުންދިޔައިރު މާނޭވާ ލެވެއެވެ. ނުޒުހަތު އިނީ ދެލޯ ބޮޑުކޮށްގެން ދަރިފުޅަށް ބަލާށެވެ. އޭގެ ކުރިން އެފަދަ ބިރެއް އޭނާގެ ދަރިފުޅުގެ މޫނުން ނުޒުހަތަށް ފެނިފައެއް ނުވެއެވެ.

"ދަރިފުޅާ ހަމަޖެހިބަލަ..." އާޔަތު ކޮޅަށް ތެދުވުމުން ނުޒުހަތުވެސް ކޮޅަށް ތެދުވިއެވެ. "ވީގޮތެއް ބުނެބަލަ..."

"ހުރިހާވެސް މައްސަލައަކީ އެ ނިޔަމް... އޭނަ އަހަރެން ޖަލަށްލާނެ... މަންމާ އަހަރެން ސަލާމަތްކޮށްދީ..." އާޔަތު ކުރިއަށްވުރެ ބާރަށް ރޯން ފެށިއެވެ.

ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. ނުޒުހަތަށާއި އާޔަތަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ ބިރެއް ފެނުމުން ބަލައިލާ ހެންނެވެ. އާޔަތު ނުޒުހަތުގެ ފުރަގަހަށް ވަނެވެ. އޭރު އޭނާ ދިޔައީ ދޮރު ނުހުޅުވުމަށް އެދި ނުޒުހަތުގެ ކިބައިން އާދޭސް ކުރަމުންނެވެ.

********

އާޔަތުގެ ބަޔާން ނެގުމުގެ ކަންތަކާއި، ތަހުގީގީ މަރުހަލާގެ މަސައްކަތްތަކުގައި ޒައިލް އުޅުނީ އަވަދިނެތިއެވެ. ނިޔަމް ރަށަށް ދާން އުޅޭކަން ޒައިލްއަށް އެނގުނީ އަރުޝާގެ ފަރާތުންނެވެ. ކުއްލިއަކަށް އަރުޝާ ދިން ހަބަރަކުން، ޒައިލްގެ މުޅި މޫޑު ހަރާބުވިއެވެ. ފުރަން އެއް ދުވަހަށް ވީއިރުވެސް ނިޔަމް އެވާހަކަ ނުބުނީ ކީއްވެ ހެއްޔެވެ؟ ޒައިލްގެ ހިތް މާޔޫސްވިއެވެ. އެހާ ގާތްކޮށް އުޅެފައި ނިޔަމް އެހެން ހަދާފާނެކަމަށް އޭނާއަށް ގަބޫލުވެސް ނުކުރެވުނެވެ.

ފަރުދާގެ ފުރަގަހުގައި އަރުޝާއާއި ޝަރަފް ވަނީ މޮޅު ރޭވުމެއް ރާވާފައެވެ. ނިޔަމްގެ ދިރިއުޅުމުގެ ހުރިހާ ހަގީގަތެއް އެނގުމުން އަރުޝާގެ ހިތުގައި ވަނީ ހަމްދަރުދީ އުފެދިފައެވެ. އެކުއްޖާއަށް އެހީވާނެ މާގިނަ ބަޔަކު މިދުނިޔޭގައި ނެތެވެ. އެތައް އުފަލަކުން މަހުރޫމުވެ އެތައް ދުވަހެއް ވޭތުކޮށްފިއެވެ. ހަގީގީ ރަހުމަތްތެރިއެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދީގެންވެސް ނިޔަމްއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އަރުޝާ ހުރީ ތައްޔާރަށެވެ.

ނިޔަމް ފުރަންދާން ދަބަހަށް އެއްޗެހި އަޅާ ނިންމިއިރުވެސް ޒައިލް ގެއަކަށް ނާދެއެވެ. މުޅި ދުވަސް ހޭދަވީ ޒައިލް ނުފެނިއެވެ. އެގޮތުގައި ފުރައިގެންދާން ނިޔަމްގެ ހިތް ދެކޮޅުހަދަމުން ދިޔައެވެ. ނިޔަމް ފަހު ފަހަރަށް ގޭގެ އެކި ތަންތަން ބެލިއެވެ. މޭޒުތަކާއި ސޯފާތަކުގެ މަތީގައި އަތް ޖައްސާލައިގެން ހުރެ، އުފާވެރި އެތައް ހަނދާނެއް އައުކުރިއެވެ.

ދާވިއަންގެ އަތުގައި ހިފައިގެން ނިޔަމް އެގެއިން ނުކުތެވެ. ފޯނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ޒައިލްއަށް ގުޅާނެ ހިތްވަރެއް ނިޔަމްއަކަށް ނުލިބުނެވެ. އެތައް މެސެޖެއް ލިޔެފައިވެސް ފޮހެލިއެވެ. ނިޔަމްގެ ހިތް އެދުނީ ޒައިލް އޭނާ ހުއްޓުވުމަށެވެ.

ޓެކްސީ އައުމުން ނިޔަމް ޓެކްސީއަށް އެރިއެވެ. ދާންވީ މަންޒިލް ބުންޏެވެ.

"މާމަ އުޅޭނެތަ އެރަށުގަ؟..." ދާވިއަން ތަކުރާރުކޮށް އެއް ސުވާލެއް ކުރިއެވެ.

ރަށަކަށް ދާ ވާހަކަ ބުނުމުން ދާވިއަން އިނީ އުފަލުންނެވެ. އިތުރު ކަމަކާއި ޝަކުވާއެއް ނުކުރެއެވެ. އެ ކުޑަ ސިކުނޑިއަށް ނުވިސްނުނީ އެތަނުގައި ޒައިލްއާއި ބައްދަލުކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެކަމެވެ. އެކަން އެނގޭނަމަ، ދާވިއަންގެ މޫނުން އެހާ ޝައުގުވެރިކަމެއް ނުފެންނާނެކަމުގައި ނިޔަމް ގަބޫލުކުރިއެވެ. ޒައިލްއާއި ނުލައި އުޅެން މިހާރު ދާވިއަންއަށް ފަސޭހައެއް ނުވާނެއެވެ.

ނިޔަމް ފުރުވަން ގޮސް ތިބީ، ލޫކާއި އަރުޝާއެވެ.

"މިހާރު އެންމެން އަރައިފި... އަވަސްކުރޭ..." ނިޔަމްއަށް ސަލާންކުރަމުން އަރުޝާ ބުންޏެވެ. "މިސްވާނެ ދައްތަގެ ދޫނިގަނޑު..." އަރުޝާ ދާވިއަންގެ ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ.

"ޗުއްޓީ ހަމަޖެހުނުހާ އަވަހަށް ޔަމް ކައިރިއަށް ދާނަމޭ..." ލޫކް މަޖަލަކަށް ހަދާފައި ބުންޏެވެ. "އަނބޮއްޕުޅާ ދަނބޮއްޕުޅުހެން ބޮޑާށިމަތީ ނޫނީ ދުމަށިމަތީ އޮންނަންޖެހުނަސް ވަރިހަމަ..."

އަރުޝާ ހީގަތެވެ. ލޫކްގެ ކޮނޑުގައި ތަންކޮޅެއް ބާރަށް ޖެހިއެވެ. ލޫކް ތަދުވެގެން އަރުޝާ ޖެހި ތަނުގައި ފިރުމައިލިއެވެ.

"ދާން ބޭބީ މަތިން ބައްޕި ވަރަށް މިސްވާނެ... ދާން ބައްޕިމަތިން މިސްވާނެތަ؟...." ދާވިއަން އުރާލައި ކޮލުގައި ބޮސްދެމުން ލޫކް އަހައިލިއެވެ.

"މަންމީ... ކީއްވެ ޑެޑީ ނާންނަނީ؟..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ދާވިއަން ސުވާލުކުރިއެވެ.

ލޫކްގެ ވާހަކައަށް އެއްޗެއް ބުނުމުގެ ބަދަލުގައި ދާވިއަން ޒައިލްގެ ވާހަކަ ދެއްކުމުން ލޫކްގެ ހިތަށް ތަދުވިއެވެ. ހިތިގޮތަކަށް ހިންދިރުވައިލެވުނެވެ. ޒައިލް އައުމުގެ ކުރިން ދާވިއަންއާއި ލޫކްގެ ގުޅުން ރަނގަޅެވެ. ލޫކް ފެނިއްޖެނަމަ، ދާވިއަން އެންމެ ހިނދުކޮޅަކަށްވެސް ދުރުގައި ނުހުންނާނެއެވެ. އެކަމަކު، އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.

"ދަރިފުޅު... ހިނގާ އަވަހަށް ލޯންޗަށް އަރަން..." ދާވިއަން އުރާލަމުން ނިޔަމް ބުންޏެވެ. "ލޯންޗް ނައްޓާލައިފިއްޔާ ނުދެވޭނެއެއްނު.... ފްލައިން ފިޝްވެސް ނުފެންނާނެ..."

ލޯންޗަށް އެރުމުގެ ކުރިން ނިޔަމް ފަހަތް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދެލޯ މަރައިލިއެވެ. ޒައިލްގެ ހުރިހާ ހަނދާނެއް އެ ފަސްގަނޑަށް ދޫކޮށްފައި އޭނާ އެދަނީ މާ ދުރަށެވެ. އެއީ ނިޔަމް ބޭނުންވި ގޮތެވެ. އެކަމަކު އޭނާގެ ހިތަށް އެހާ ތަދުވަނީ ކީއްވެ ހެއްޔެވެ؟ ޒައިލްއަށް ނާންގާ ފުރައިގެން ދާން އެހާ އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟

(ނުނިމޭ)