ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ހުކުމެއްގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ބައިވެރިނުވާކަން އެނގިއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނު ފާއިތުވި 10 މަސް ދުވަހު ހުންނެވީ ޖަލުގައެވެ. ރިޔާސީ އިންތިޚާބަށް ފަހު، ކަރެކްޝަންސްއިން ވަނީ ޔާމީންގެ ޖަލު ހުކުމަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

ލުއިތައް ދިނުމާ އެކު ޔާމީން ރޭ ވެސް ވަނީ ޕާޓީ އޮފީހަށް ވަޑައިގެންފައެވެ. އަދި، މިރޭ އަންނަނީ ޖަގަހަ ޖަލްސާއެއް ބާއްވަމުންނެވެ.

އެކަމަކު، ޖަގަހަ ޖަލްސާގައި ޔާމީންގެ އަރިހުގައި ތިއްބެވީ އެ މަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އޭގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންބަވާ އެއްވެސް ބޭފުޅަކު މިރޭގެ ޖަލްސާގައި ބައިވެރިވެނުލައްވައެވެ.

އެނގިފައިވާ ގޮތުގައި ޖަލްސާ ފެށިއިރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ބައިވެރިވެލެއްވިއެވެ. އެކަމަކު، ފަހުން އޭނާ ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީއެވެ.

ނަން ނުޖަހާ ގޮތަށް "ސަން"އާ ވާހަކަދެއްކެވި ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ، މިރޭ ޖަގަހަ ޖަލްސާއެއް އޮންނަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި، ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނަކަން އެނގުނީ ވެސް މީޑިއާއިން ކަމަށެވެ.

ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެފައެއް ނުވެއެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ޔާމީންގެ ޖަލްސާގައި ނެތް ނަމަވެސް، އިންތިޚާބީ ރައީސް ބާއްވަވާ ހަފުލާތަކުގައި ލީޑާޝިޕުގެ ގިނަ ބޭފުޅުން ބައިވެރިވެލައްވައެވެ. މިރޭގެ ޖަލްސާއާ ގުޅޭ ގޮތުން މިހާތަނަށް ޕީޕީއެމްގެ ވެސް އަދި ޕީއެންސީގެ ވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.