30 Oct 2023, 20:33
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ އިދާރާގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވާފައި ވީނަމަވެސް، މާދަމާގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްދޭން އެމްޑީޕީން މިރޭ އެދިއްޖެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންދަންވާނީ ނައިބު ރައީސެވެ. އެކަމަކު، އާލާސްކަންފުޅާ އުޅުއްވާތީ އީވާ ވަނީ މާދަމާގެ ޖަލްސާއަށް ވެސް ހާޒިރުނުވެވޭނެކަން މަޖިލީހުގެ އިދާރާއަށް އަންގައިފައެވެ. އެހެންވެ، މާދަމާގެ ޖަލްސާގެ އެޖެންޑާއިން ނަޝީދުގެ މައްސަލަ ނަގައި، ބަޖެޓުގެ މަސައްކަތް ވަނީ އެޖެންޑާ ކޮށްފައެވެ.
އެ ކަމާ ހިތްހަމަނުޖެހި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން މިރޭ ވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި މާދަމާގެ ޖަލްސާއަށް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްދޭން އެދިފައިވާނެ ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މިރޭ "ސަން"އަށް ވިދާޅުވިއެވެ.
އެމްޑީޕީން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެއާއި މިއަދު ވެސް އެޖެންޑާ ކުރިއެވެ. އެކަމަކު، ނަޝީދުގެ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލަ ދެ ދުވަހު ވެސް ކުރިއަކަށް ނުގެންދެވުނެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ، ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންދަންވާނީ ނައިބު ރައީސް ކަމަށެވެ. އެކަމަކު، ނައިބު ރައީސް ނެތް ހާލަތެއްގައި އަމަލު ކުރަން ޖެހޭނެ ގޮތެއް އެ ގަވާއިދުގައި ބަޔާން ކޮށްފައެއް ނުވެއެވެ.
އަދި، ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ހާލަތެއްގައި އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑަނާޅައި، އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ވެއެވެ.
އެ އިދާރާގައި ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ، ނަޝީދުގެ މައްސަލަ ބުދަ ދުވަހަށް ފަސްކޮށްފައި ބަޖެޓުގެ މައްސަލަ މާދަމައަށް އެޖެންޑާ ކުރީ އީވާ ސަލާން ވިދާޅުވުމުން ކަމަށެވެ. ބުދަ ދުވަހުގެ ޖަލްސާއަށް ވެސް އީވާ ސަލާން ވިދާޅުވެއްޖެ ނަމަ ނަޝީދުގެ މައްސަލަ އަނެއްކާ ވެސް ފަސްކޮށްލަން ޖެހިދާނެއެވެ.
އެހެންވެ، އެމްޑީޕީން ވަނީ ބަޖެޓުގެ މަަސައްކަތަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.
މަޖިލީހުގައި 56 މެންބަރުން ތިއްބަވާ އެމްޑީޕީން ނިންމާފައިވަނީ ނަޝީދުގެ މައްސަލަ ނުނިންމާ މަޖިލީހުގެ އެއްވެސް ކަމަކަށް އެއްބާރުލުން ނުދިނުމަށެވެ. އެގޮތުން، އެ މައްސަލަ ނުނިންމާ ނަމަ، އިންތިޚާބީ ރައީސްގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.