ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ އެޖެންޑާއަށް ބަޖެޓުގެ މަސައްކަތް އެޖެންޑާ ކުރީ މަޖިލިސް ނައިބު ރައީސް އިވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި އޮއްވައި، އެ މައްސަލައާ މެދު ގޮތެއް ނުނިންމާ އެހެން މަސައްކަތެއް ނުކުރެވޭނެއެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް އޮތީ މާދަމައަށް އެޖެންޑާކޮށްފައެވެ.

އެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "ސަން"އަށް ވިދާޅުވީ އީވާ މާދަމާއަށް ސަލާން ވިދާޅުވެފައިވާތީ، މާދަމާ ވެސް މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ޔަގީންވާ ކަމަށެވެ.

އެހެންވެ އެ ކަން މާދަމާއަށް އެޖެންޑާގައި ނުހިމެނީކަމަށް ވިދާޅުވިއެވެ. ޒިޔާއު ވިދާޅުވީ ބުދަ ދުވަހު ވެސް އީވާ ސަލާމް ވިދާޅުވެއްޖެނަމަ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނަމަވެސް އަދި ސަލާމް ވިދާޅުވެފައިނުވާތީ ބުދަ ދުވަހަށް އެ މައްސަލަ އެޖެންޑާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ބަޖެޓުގެ މަސައްކަތް އޮތްއިރު އެ ކަމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިއްޔެއާއި މިއަދު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ މަޖިލީހަށް ވަނީ ދެ ދުވަހު ވެސް ސަލާން ފޮނުއްވައިފައެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާ ވެސް ނުބޭއްވޭނެ ކަމަށް ބުނެ އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ ނިންމަވައިފައެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ އެމްޑީޕީން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ.