އެސްޓީއޯ އިން މެރީޑިއަމް ސާވިސަސް އާ ދެކޮޅަށް ކުރި 19.3 މިލިއަން ރުފިޔާގެ ދައުވާ އެ ކުންފުނިން އަނެއްކާ ވެސް ކޯޓަށް ވައްދައިފި އެވެ.

އެސްޓީއޯ އިން މެރީޑިއަމްގެ މައްޗަށް ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކުރީ އެސްޓީއޯގެ ބޯޑުން ނިންމަން ޖެހޭ ބައެއް ކަންތައްތައް ނުނިމި ހުރި ކަމަށް ބުނެ އެ ދައުވާ ބާތިލް ކޮށްދިނުމަށް އެ ކުންފުނިން އެދިފައިވާތީ ކަމަށް ބުނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ އޭރު ވިދާޅުވެފައި ވަނީ އެސްޓީއޯ އިން ސިވިލް ކޯޓަށް ސިޓީ ފޮނުވީ ޝަރީއަތް ލަސްކޮށް ދިނުމަށް އެދި ކަމަށާއި ނަމަވެސް ސިޓީ އިބާރާތް ކުރުމުގައި އޮޅުމަކުން ދައުވާ ބާތިލުކޮށް ދިނުމަށް ލިޔެވުނީ ކަމަށެވެ.

ޝާހިދު މިއަދު ވިދާޅުވީ އެސްޓީއޯ އިން މެރީޑިއަމްގެ މައްޗަށް ކުރާ ދައުވާ އަލުން ކޯޓަށް ފޮނުވީ މި މަހުގެ ކުރީކޮޅުގައި ކަމަށާއި މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ ކަން މިހާރު އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރީ ޝަރީއަތް ލަސްކޮށްލަން، ނަމަވެސް އޭރުގައި އެގޮތަށް އޮޅިގެން ސިޓީގެ އިބާރާތަކުން އެ މައްސަލަ ދިމާވީމާ އަޅުގަނޑުމެން އަލުން މައްސަލަ ކޯޓަށް ފޮނުވީމާ ބަލައި ގެންފައި ކޯޓުން ވެސް މިހާރު ވަނީ. އަޅުގަނޑުމެން ނުދައްކާ ހުރި ފައިސާ އާއި ޖޫރިމަނާ ހޯދުމުގެ އެ ދައުވާ ކުރިއަށް ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.

މައްސަލަ ކޯޓުން ބާތިލް ކުރިއިރު އެ މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ވެސް ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އެސްޓީއޯ އިން މެރީޑިއަމް ސާވިސަސްއާ ދެކޮޅަށް ދައުވާ ކުރަނީ ކްރެޑިޓަށް ތެޔޮ ނެގުމަށްފަހު ފައިސާ ނުދައްކާ ކަމަށް ބުނެ އެ ފައިސާ ހޯދާށެވެ.