30 Oct 2023, 17:34
އަންނަ އަހަރު ޔަލަމްލަމް ހައްޖާއި ޢުމްރާ ޖަމާޢަތް މެދުވެރިކޮށް ޢުމްރާއަށް ދާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެ ޖަމިއްޔާއިން ބުނީ، ރަމަޟާން މަހުގެ ޢުމްރާ ދަތުރު އޮންނާނީ އަންނަ މާރިޗު މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އެއްމަސް ދުވަހު މައްކާގައި ތިބުމަށް ހަމަޖެހިފައިވާ، މި ޢުމްރާގެ އަގަކީ 44،500 ރުފިޔާއެވެ. އެނބުރި ރާއްޖެއަށް އަންނާނީ ހަ ރޯދަ ވެސް ހިފާ ނިމުމުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޖުލައި މަހުގެ ޢުމްރާ ދަތުރުތައް ހަމަޖެހިފައިވަނީ އެ މަހު ލިބޭ ސްކޫލު ބަންދާ ދިމާކޮށެވެ. ޖުމުލަ 15 ދުވަހަށް ދެމިގެންދާ މި ދަތުރުތަކުގައި ދިހަ އަހަރުން ދަށުގެ ކުޑަ ކުދިންނަށާއި ގްރޫޕެއްގައި ދިހަ ބޭފުޅުންނަށް ވުރެ އިތުރު ވާނަމަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ދަތުރު އޮންނާނީ ޖުލައި މަހުގެ 21އިން ފެށިގެންނެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އެ ޖަމިއްޔާއިން ޢުމްރާ ދަތުރުތައް އިންތިޒާމު ކޮށްފައިވެއެވެ. ޖުމުލަ 16 ދުވަހަށް ދިގުދެމިގެންދާ މި ދަތުރުގައި ސަރުކާރު ބަންދު ހަތް ދުވަހާއި ރަބިއުލް އައްވަލް މަހުގެ ބާރަވަނަ ދުވަސް ވެސް ހިމެނޭނެއެވެ. ސެޕްޓެމްބަރު މަހުގެ ޢުމްރާ ދަތުރު އޮންނާނީ 12 އިން 28 އަށެވެ.
އަދި، އަންނަ އަހަރުގެ ޑިސެމްބަރު މަހާއި ދިމާކޮށް ވެސް އެ ޖަމާއަތުން ޢުމްރާ ދަތުރުތައް ހަމަޖައްސާފައިވެއެވެ. އެގޮތުން މި ޢުމްރާ އަކީ ވިހި ދުވަހުގެ ދަތުރެކެވެ. ފުރާ ތާރީހު ކަނޑައަޅާނީ ސްކޫލު ބަންދަށް ވެސް ބަލައިފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޔަލަމްލަމް ޙައްޖު އެންޑު ޢުމްރާ ޖަމާއަތުގެ ހަވާލުގައި މީހުން ޢުމްރާގައި -- ފޮޓޯ/ ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ
ޢުމްރާ ދަތުރުތަކުގައި އިސްކަން ދެމުން ދާނީ ރަޖިސްޓަރީ ކުރައްވާ ތަރުތީބަށް ބަލައިގެންނެވެ. އެގޮތުން މިހާރު މި ހުރިހާ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ޢުމްރާއަށް ވަޑައިގަތުމަށް ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ޖަމާއަތުގެ އޮފީހަށް ގޮސްގެން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ އޮފީސް ހުންނާނީ މާފަންނު ޝާރިއު ވާރުދީ މަގުގައެވެ. އޮފީސް ހުޅުވާފަ ހުންނާނީ ހުކުރު ދުވަހުގެ ރޭ ފިޔަވާ ކޮންމެ ރެއަކު ވެސް 8:30 އިން 10:00 އަށެވެ. އޮފީސް ނަންބަރަކީ 9115717 އެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7678396 ނުވަތަ 7776484 އަށެވެ. އަދި، ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދަންނަވައިފައިވާ ނަންބަރުންކުރެ ނަންބަރަކަށް އައިޑީކާޑު ވައިބާ ކުރުމުން ދެން ކުރިއަށް ވަޑައިގަންނަވަންވީ ގޮތެއްގެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ، ސަރުކާރުން ޙައްޖު ދަތުރުތަކަށް ވެސް ހުޅުވައިލައްވައިފި ނަމަ އެ ޖަމާއަތުން ވެސް ކުރިމަތި ލާނެ ކަމަށެވެ. އަދި، ބިޑު ކާމިޔާބު ވެއްޖެނަމަ ޙައްޖު ދަތުރު ވެސް އޮންނާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.