ލިވަޕޫލުގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒްގެ ބައްޕަ ރަހީނުކުރި މައްސަލައިގެ މައުލޫމާތު ހިއްސާކުރާ މީހަކަށް ފައިސާގެ އިނާމެއް ދިނުމަށް ކޮލަމްބިއާ ފުލުހުން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޑިއާޒްގެ މަންމަ އާއި ބައްޕަ ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަހީނުކުރުމަށްފަހު ޑިއާޒްގެ މަންމަ، ސިލެނިސް މަރުލަންޑާ ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އޭނާގެ ބައްޕަ ލުއިސް މެނުއަލް ޑިއާޒް އަދިވެސް ދޫކޮށްލާފައިނުވާ އިރު، އެކަމުގެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮލަމްބިއާ ފުލުހުން ބުނީ ޑިއާޒްގެ ބައްޕަ ރަހީނުކުރި މީހުންގެ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އިނާމެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 200 މިލިއަން ޕެސޯ (49،000 ޑޮލަރު) ކަމަށެވެ.

ޑިއާޒްގެ ބައްޕަ ރަހީނުކުރި މައްސަލައިގެ ކަންބޮޑުވުން ލިވަޕޫލުން ވެސް ވަނީ ފާޅުކޮށްފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ލިވަޕޫލުން ރޭ ނުކުތީ ވެސް ޑިއާޒް ނުލައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.