ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްޝާން މައުމޫންގެ ނަމުގައި ޓުއިޓާގައި ބޭނުންކުރަމުން ގެންދަނީ ފޭކް އެކައުންޓެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޣައްސާން ވިދާޅުވެއްޖެ އެވެ.

"ޣައްސާން މައުމޫން އެޓް ޕީޕީއެމް 986" އެ ނަމުގައި ޓުއިޓާ އެކައުންޓެއް ބޭނުން ކުރަމުން އަންނަ ފަރާތުގެ ގިނަ ޓުއިޓްތައް އަމާޒުކޮށްފައި ވަނީ ޑީއާރުޕީގެ އިސް ބޭފުޅުންނަށެވެ. އެގޮތުން އެ ބޭފުޅުންގެ އެކަންޓްތައް ޓެގްކޮށް، ޣައްސާންގެ ނަމުގައި ޓުއިޓް ކުރަމުން ގެންދާ ފަރާތުން ވަނީ ޑީއާރުޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ޣައްސާންގެ ނަމުގައި ބޭނުން ކުރަމުން އަންނަ ޓުއިޓާ އެކައުންޓުގައި އައްޑޫ ސިޓީގައި ހިމެނޭ ޑީއާރުޕީގެ އިސް އެކްޓިވިސްޓުންނާ އެކު 700 އަށް ވުރެ ގިނަ މެންބަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރި ހަބަރާ ގުޅިގެން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެ ޕާޓީގެ ކައުންސިލް މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގެންނަވާ ރޮޒެއިނާ އާދަމާއި އަލީ އާޒިމް އަދި އަބްދުﷲ މައުސޫމް ޓެގްކުރުމަށް ފަހު، އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވެ އެވެ.

"މިވަނީ ކިހިނެއްތަ؟ ކޮބާ އޭރު އަނގަފުޅާކުރި ޑީއާރުޕީގެ މެންބަރުން" ޣައްސާންގެ ނަމުގައި ބޭނުން ކުރަމުން އަންނަ ޓުއިޓް އެކަންޓްގައިވެ އެވެ.

އަދި ޑީއާރުޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތަސްމީން މީޑިއާ އަށް ދެއްވާފައިވާ އިންޓަވިއުއާ ގުޅިގެން ވެސް އެ އެކައުންޓްގައި އެކަމަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފަ އެވެ.

ޣައްސާން ވިދާޅުވީ އޭނާގެ ނަމުގައި ޓުއިޓާގައި ވަނީ ފޭކް އެކައުންޓެއް ކަމަށާއި ޓުއިޓާގައި އޭނާ ނޫޅުއްވާ ކަމަށެވެ. އަދި ޓުއިޓާގައި ފޭކް އެކައުންޓެއް ހަދައިގެން އުޅޭކަން އެނގިވަޑައިގަތީ ގިނަ އަދަދެއްގެ އެސްއެމްއެސްތަކެއް އެކަމާ ގުޅިގެން އަންނަން ފެށުމުން ކަމަށެވެ. އަދި ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ވެސް އެކަމާ ގުޅިގެން އޭނާއާ ސުވާލުކުރި ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.