30 Oct 2023, 14:43
އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން ނަޕޯލީ އާއި އޭސީ މިލާން ބައްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.
ނަޕޯލީގެ ޑިއޭގޯ އަރަމަންޑޯ މެރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާންއިންނެވެ. މި މެޗްގައި ނަޕޯލީއިން ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މިލާނުން ދެ ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައި މިލާންއަށް ލީޑު ނަގައިދިނީ އޮލިވިއާ ޖިރޫއެވެ. މިއީ އޭނާ ކްލަބާއި ޤައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 10 މެޗްގައި ލަނޑެއް ނުޖެހި ދިއުމަށްފަހު ޖެހި ފުރަތަމަ ލަނޑެވެ. މި މެޗްގައި މިލާންގެ ދެވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދިނީވެސް ޖިރޫއެެވެ.
މި މެޗްގައި ނަޕޯލީއިން ކާމިޔާބުކުރި ފުރަތަަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހައިދިނީ މަޓިއޯ ޕޮލިޓާނޯއެވެ. އަދި މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ޖަހައިދިނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ކަން ފާހަގަ ކޮށްލެވުނެވެ.
މި މެޗް އެއްވަރު ވުމާއެކު މިލާން މިހާރު ކުޅުނު 10 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައަށް ފަހަތަށް ޖެހިލާފައެވެ. އަދި ނަޕޯލީ އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ސެރީއާގެ ތަވަލްގެ އެއްވަނައިގައި މިވަގުތު އުޅެނީ އޭއެސް ރޯމާ އާއި ބައްދަލުކޮށް ރޭ މޮޅުވި އިންޓާ މިލާނެވެ. އިންޓާ މި މެޗް ކާމިޔާބު ކޮށްފައިވަނީ އަމިއްލަ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުންނެވެ. އިންޓާއަށް މިހާރު ވަނީ 10 މެޗުން 25 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އުޅޭ ޔުވެންޓަސްއަށް ލިބިފައިވަަނީ 23 ޕޮއިންޓެވެ.