މިހާރު ކުރިއަށް މިދާ އިންތިގާލީ މަރުހަލާގައި ދައުލަތުގެ މުދަލުން ވިޔަފާރީގެ މުއާމަލާތެއް ފަށައި، އަވަސް އަރުވާލައިގެން ނިންމުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބުނެފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުއާމަލާތްތަށް ފެށުމާއި، މިފަދަ މުއާމަލާތްތަކާއި އެއްބަސްވުންތަށް އަވަސް އަރުވައިލައިގެން ނިންމުމަކީ އެކަމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަަމަށް ބެލުމުގެ ޖާގަަ އޮންނާނެ ކަންތައްތަކެއް ކަމަށެވެ.

ސަރުކާރު ބަދަލުވުމުގެ އިންތިލާގީ މަރުހަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އެއްބަސްވެ، އާ ސަރުކާރަކަށް ދައުލަތް ބަދަލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުހަލާއެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ. އެހެންކަމުން، މި މަރުހަލާގެ ރޫހަކަށްވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރަށް އެ ބަޔާނުގައިވަނީ މިފަދަ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން ފާހަގަ ކުރެވިއްޖެ ނަމަ، އެފަދަ ކަންކަން ކުރިއަށް ގެންދާ ގޮތް ބަލައި، ގާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގައިފައިވާ ކަންކަމާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެެހެންކަމުން ގާނޫނީ އިންތަކުގެ ތެރެއިން އެފަދަ ކަންކަން ހިންގުމަށް ސަމާލުކަން ދިނުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ނިންމައިފައިވާ، ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން، ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ގާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުމަށް ވެސް އެ ބަޔާނުގައި ގޮވައިލައިފައި ވެއެވެ.

މީގެ އިތުރުން، އެ ބަޔާނުގައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއެޅުމަށް ވެސް އެދިފައިވެއެވެ. އަދި މި ފަދަ މުއާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި މި މަރުހަލާގެ ރޫހަށް އިހުތިރާމުކޮށް ކަމޭހިތުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ރޭ އެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމަން އާބަންކޯއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި މި މަރުހަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށާއި، ވަކީން ޚާއްސަކޮށް، މި މުއާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދިނުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމާ މެދު އިތުރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ.

އޭގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.