މި ސަރުކާރުން 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ދޫކުރަން ނިންމި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓު އަންނަ އާދިއްތަ ދުވަހު ނެރޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 'ސަން'އިން ތަކުރާރުކޮށް ގުޅުމުން ވެސް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ފޯނަށް ޖަވާބު ނުދެއްވާތީ، ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދާއިމީ ލިސްޓު ނެރެ، އެންމެ ފުރަތަމަ ލިޔުން ދޭނީ 4،000 މީހަކަށެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެކަން ހައުސިން މިނިސްޓްރީން އިއުލާން ކުރީ އޮގަސްޓު މަހުގެ އަށެއްގައެވެ.

އެ ލިސްޓުގައި 20،697 މީހަކު ހިމެނެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ. އެ އެންމެންނަށް ދިނުމަށް ޖުމްލަ 13،500 ފްލެޓް އިމާރާތްކުރަން ޖެހޭނެއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓެއްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.