އޮސްލޯ (30 އޮކްޓޯބަރު 2023): އިސްރާއީލު ބައިނަލްއަގްވާމީ ގާނޫނު ފަހަނަޅައި ހިނގައްޖެކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަނީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހަނގުރާމައެއް ނޫންކަމަށް ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރުސްޓޯރު ވިދާޅުވެއްޖެއެވެ.

ނޯވޭގެ ރޭޑިއޯ އަކަށް ދެއްވި ބަސްދީގަތުމެއްގައި ބޮޑުވަޒީރު ޖޯނަސް ވިދާޅުވީ ހަނގުރާމައިގެ ތެރޭގައިވެސް ނުކުރެވޭނެ ކަންކަމާއި ހަމަލާ ނުދެވޭނެ ތަންތަނާއި ބޮން ނޭޅޭނެތަންތަން ހުންނާނެކަމަށާއި ނަމަވެސް އިސްރާއީލު ދެކެނީ އެގައުމަށް ބޮން ނޭޅޭނެ އަދި ހަމަލާ ނުދެވޭނެ އެއްވެސް ތަނެއް ނޯންނާނެކަމަށާއި އިސްރާއީލު ބެނދެވެން ޖެހޭ އަދި ބޯލަނބަންޖެހޭ އެއްވެސް ގާނޫނެއް އުސޫލެއް ނޯންނާނެ ކަމަށް ކަމަށެވެ.

ނޯވޭގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި އިސްރާއީލު މިހާރުވަނީ ބައިނަލްއަގްވާމީ ހުރިހާ އިންތަކެއް ފަހަނަޅައި ގޮސްފައެވެ. އިސްރާއީލުވަނީ ހަނގުރާމައާބެހޭ ގަވައިދުތަކާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ މުޅިން ޚިލާފުވެފައެވެ. މީގެއިތުރުން ޣައްޒާއިން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކަނޑާލުމަކީ އިސްރާއީލަކީ އެއްވެސް އުސޫލަކަށް އަމަލުނުކުރާ އަދި އެއްވެސް ގާނޫނަކަށް ބޯ ނުލަނބާ ތަހުޒީބު ގައުމެއްނޫން ގައުމެއްގެ ގޮތުގައި އެގައުމު އަމިއްލައަށް ކަނޑައެޅުންކަމަށްވެސް ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ވިދާޅުވިއެވެ.

އިސްރާއީލުން ބޮން އަޅައި ޝަހީދުކޮށްލާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑު ގެންދަނީ

ޖޯނަސް އިތުރަށް ވިދާޅުވިގޮތުގައި 2006އިން ފެށިގެން ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ މުޅިން ޚިލާފު ކަމެކެވެ. އެއީވެސް ނޯވޭ ދެކޮޅު ހަދާ ފިޔަވަޅުތަކެކެވެ.

އަނެއްކޮޅުން ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާތް އެއިޑް ވެސްވަނީ އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އެސްޕެން ވިދާޅުވިގޮތުގައި ޣައްޒާގެ އާންމުންނަށް ބޭނުންވާވަރަށް އިންސާނީ އެހީ ވެއްދުމުގެ ފުރުސަތު ނުދިނުމަކީވެސް އިސްރާއީލުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ޚިލާފުވުމެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޒަޚަމްވެ ހާލުގައިޖެހި އަދި ހައިހޫނުކަން ތަހައްމަލު ކުރަންޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރާ ގާތަށްވެސް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށް ނުދެވޭކަމަށާއި އެއީ ވޭންދެނިވި އަދި ހިތްފަޅައިގެންދާވަރުގެ ލާއިންސާނީ އަމަލެއްކަމަށް ނޯވޭގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ.

އިސްރާއީލުންވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ތެރެއިން 21 ތަނެއްގެ މަސައްކަތް ހުއްޓުވާލައި ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ބޮންއަޅައި 800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މިއީ ހަނގުރާމައިގެ ޖަރީމާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނެއެވެ.

ނޯވޭގެ ޚާރިޖީ ވަޒީރު

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތައް ބުނާގޮތުން ޣައްޒާއަށް މަދުވެގެން ދުވާލެއްގެ މައްޗަށް 80 ލޮރީގެ އިންސާނީ އެހީގެތަކެތި ވައްދަންޖެހެއެވެ. މީގެތެރެއިން 80 އިންސައްތައަކީ ކާބޯތަކެތިކަމަށް ހަދަންޖެހޭކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. ނަމަވެސް ޣައްޒާއަށް ވެއްދުމުގެ ފުރުސަތު އިސްރާއީލުން ދެނީ އެންމެ 20 ލޮރީގެ އިންސާނީ އެހީގެ ތަކެއްޗެވެ.

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާރު އަށް ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި ތިން ހާހަށް ވުރެ ގިނަ ކުޑަކުދިންނާއި ދޮޅު ހާހަށްވުރެ ގިނަ އަންހެނުންނާއި ހާހަކަށް ވުރެ ގިނަ މުސްކުޅިން ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.