ދުވާލަކު 100 ޓްރަކްގެ އެހީ ޣައްޒާއަށް ވައްދަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މި އެހީގެ ތެރޭގައި ޣައްޒާގެ މައި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަރަށް ތެޔޮ ވެސް ހިމެނޭނެ ކަމަށް އޮފިޝަލާ ހަވާލާދީ އަލްމަޔާދީން ނޫހުން ރިޕޯޓުކުރެއެވެ. ނަމަވެސް ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތް ކަމަށްވާ، ހަމާސް އިން އެ ތެލުގެ ބޭނުން ކުރިޔަ ނުދިނުމަކީ އިސްރާއީލުގެ އަމާޒުކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.

ޣައްޒާއަށް އެތެރެވެވޭ ގޮތަށް 100 ޓްރަކް މިހާރުވެސް ތައްޔާރަށް އެބައޮތް ކަމަށާއި، އިތުރު 40 ޓްރަކްވެސް މިހާރު އޮތީ އިސްރާއީލުން ބަލައި ފާސްކުރުމުގެ މަރުހަލާގައި ކަމަށް އޮފިޝަލު އިތުރަށް ވިދާޅުވިއެވެ.

މިއަދުގެ ވަގުތެއްގައި އިތުރު 40 ޓްރަކް ވެސް ޣައްޒާ ތެރެއަށް ވަންނަން ހަމަޖެހިފައިވާ ކަމަށް އދ.ގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)ގެ ފަލަސްތީނު މަންދޫބު ސަމީރު އަބްދުލް ޖަބެރާ ހަވާލާދީ އަލްމަޔާދީން ނޫހުން ރިޕޯޓުކުރެއެވެ. ނަމަވެސް މިއީ އަދި ޣައްޒާއަށް ބޭނުންވާ ވަރަށްވުރެ މާ މަދު މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެއް މިލިއަން މީހުންނަށް ކޮންމެ ދުވަހަކު 40 ޓްރަކްގެ އެހީ ބޭނުންވާ ކަމަށާއި، ދެ މިލިއަން މީހުންނަށް ކޮންމެ ދުވަހަކު 100 ޓްރަކްގެ އެހީ ބޭނުންވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. އަދި މިއަދު ވައްދާ އެހީގެ ތެރޭގައި ޣައްޒާއަށް އެންމެ ބޭނުންވާ ތެޔޮ ނުހިމެނޭ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ޓްރަކްތައް ބަލާ ފާސްކުރުމާއި، އިސްރާއީލުން އަޅާ އެހެނިހެން ހުރަސްތަކުގެ ސަބަބުން މިސްރާއި ޣައްޒާ ގުޅޭ ރަފާ ބޯޑަރު މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް މިސްރުގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް މި މަހުގެ ހަތް ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ފެނާއި ކަރަންޓަށްވެސް ޖެހިފައެވެ. ހަނގުރާމަ ފެށިތާ ދެ ހަފުތާ ފަހުން ރަފާ ބޯޑަރުން އެހީ ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލުން ދިން ނަމަވެސް ޣައްޒާތެރެއަށް ދުވާލަކު 12 ޓްރަކްވެސް ނުވަދެވެއެވެ.

މިއީ ޣައްޒާ ތެރޭގައި އެހީއަށް ބޭނުން ޖެހިފައިވާ މީހުންނަށް ފުދޭވަރަށްވުރެ މާ މަދު އެހީއެކެވެ. ހަމަލާތަކުގެ ކުރިން ދުވާލަކު 500 ޓްރަކަށް ޣައްޒާތެރެއަށް ވަދޭވޭ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް 8000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދުވެސް މަތިވަމުން އަންނައިރު، އިސްރާއީލުން ވައިގެ ހަމަލާތައްދޭ އިމާރާތްތަކުގެ ދަށުގައިވެސް އެތައް ބަޔަކު އެބަތިއްބެވެ.