17 May 2012, 12:36
މ. ކުއްޅަފިލާގެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކެއްގެ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވައިފި އެވެ.
ޑްރަގް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަޒުހާން މިއަދު ވިދާޅުވީ މ. ކުއްޅަފިލާގެއިން މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ހަވީރު ހައްޔަރު ކުރި ރ. އިންނަމާދޫ ފެމޯރާގެ މުހައްމަދު ސަލީމް 53، ގެ އިތުރުން އެ މައްސަލައާއި ގުޅިގެން އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އަޒުހާން ވިދާޅުވީ ސަލީމްގެ މައްސަލަ ކުރިއަށްގެން ދިޔައީ ވަކިން ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ކުދި ބްލެޓްގެ ވިޔަފާރު ފުޅާދާއިރާ އެއްގައި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ސަލީމް ގެންގޮސް ޗެކްކުރި އިރު އޭނާގެ އަތުން ހެރޮއިން ކަމަށް ތުހުމަތު ކުރެވޭ ހަތް ޕެކެޓް ފެނިފައިވާ ކަމަށް އަޒުހާން ވިދާޅުވި އެވެ.
ސަލީމާއެކު ކުއްޅަފިލާގެއިން ހައްޔަރު ކުރި ދެ މީހުންނަކީ ޏ. ފުވައްމުލަކު ސުހުރަތު މުޙައްމަދު މުރުޝިދު 23، ގެ އިތުރުން މ. ފަންއަރި އާއިޝަތު ހަނާ 22، އެވެ.
މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް އާލާތާއި މަސްތުވާތަކެތި އެކި ފަހަރުމަތިން ފުލުހުން ހޯދާފައިވާ ކުއްޅަފިލާގެއިން އެ ތިން މީހުން ހައްޔަރު ކުރިއިރު 49،000ރ. ވެސް ފެނިފައި ވެއެވެ.