30 Oct 2023, 11:04
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ހުވާ ކުރައްވާ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފިއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ އެ ރަސްމިއްޔާތާ ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ ހަސަން ޒިޔާއު މިއަދު ވިދާޅުވީ އެ މަސައްކަތް ޓެންޑާ ބޯޑުން ހަވާލު ކޮށްފައިވަނީ ސިފައިންގެ ވެލްފެއަ ކުންފުނި (ސިވެކް)އާ ކަމަށެވެ.
އެ ރަސްމިއްޔާތަށް 22.9 މިލިއަން ރުފިޔާ ޚަރަދުވާއިރު އެ ހޭދަ ކުރާގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ޖުލައި 26، 2015: މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައި، ޖުމހޫރީ މައިދާނުގައި ބޭއްވި، ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ ޔޫސުފް ސޮފްވާން
ހުވާކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް ޓަކައި 3،000އަށްވުރެ ގިނަ ދައުވަތު ފޮނުވަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެކި ބޭފުޅުންނާއި، ރާއްޖޭގެ އެކި ބޭފުޅުން ހިމެނޭކަމަށް ބުނެފައިވެއެވެ.
މުއިއްޒު ހުވާ ކުރައްވާ ހަފުލާއަށް ތިން ގައުމެއްގެ ވެރިން ވަޑައިގަންނަވާނެކަން ވެސް ވަނީ އަންގައިފައެވެ. ނަމަވެސް ޔަގީންވާނީ ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެހި، އެ ބޭފުޅުންނަށް އޮންނަ އިންތިޒާމުތައް ނިމުމުންކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޒިޔާއު ކުރިން ވިދާޅުވީ އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތުން އަދި އާންމު ރައްޔިތުންނަށް އެ ހަފުލާގައި ބައިވެރިނުވެވޭ ކަމަށެވެ.
ނަމަވެސް އެމްއެންޑީއެފުން އެ ތަނުގެ ސެކިއުރިޓީ އިންތިޒާމުތައް ބަލައި، ޔަގީންކުރަންޖެހޭ ކަންކަން ޔަގީންކުރުމުން ފަހަރުގައި އެ ނިންމުން ބަދަލުވެދާނެކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ސަލާމަތީ ކަންތައްތަކާ ގުޅުން ހުރި ތަފްސީލު އެނގުމުން އެކަންކަން މަޖިލީހަށް ހިއްސާކުރުމުން، އާންމުން ވެއްދުމާ ބެހޭ ގޮތުން ގޮތެއް ނިންމުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބިފައިވެއެެވެ.