ގާހިރާ (30 އޮކްޓޯބަރު 2023): ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ބައިނަލްއަގްވާމީ އިންސާފު ހައްގުކަމަށާއި އެމީހުންނަށް އިންސާފު ހޯދައި ނުދެވޭނަމަ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ބޭނުމަކީ ކޮބައިތޯ "އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު"ގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ސުވާލު އުފައްދަވައިފިއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ވާހަކަ ދައްކަވަމުން ކަރީމް ޚާން ވިދާޅުވީ ހަނގުރާމަތަކުގައިވެސް ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި މިސްކިތްތަކާއި ފައްޅިތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި މުޅިން މަނާކަމެއްކަމަށާއި އެތަންތަނަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ ތަންތަންކަމުގައެވެ.

ކަރީމް ޚާން ވިދާޅުވިގޮތުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި މިސްކިތްތަކާ ފައްޅިތަކަށް އިސްރާއީލު ދަނީ ފާޅުގައި ހަމަލާދެމުންނެވެ. މިޖަރީމާތަކަށް ޣައްޒާގެ ރައްޔިތުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި ވަކިބަޔަކު ވީމާ އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވުމަކީ އަދި ވަކި ބަޔަކަށް އިންސާފު ނުލިބުމަކީ ވެގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ކަރީމް ޚާންއަކީ "އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު"ގެ މިހާރުގެ ޕްރޮސެކިއުޓަރެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް އެކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގުމަށްޓަކައި އެފަދަ ފަރާތްތައް ހައްޔަރު ކުރުމުގެ ބައިނަލްއަގްވާމީ އަމުރު ނެރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތެވެ.

ޔުކްރެއިންގެ ކުޑަކުދިންތަކެއް އެކުދިންގެ މައިންބަފައިންނާ ވަކިކޮށް ރަޝިއާގެ ކުދިން ބަލާ ތަނަކަށް ގެންދިޔަކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ރަޝިއާގެ ރައީސް ވަލްދިމިޔަރ ޕޫޓިން ހައްޔަރުކުރުމުގެ އަމުރުވެސް ނެރުއްވީ ކަރީމް ޚާން އެވެ.

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކު

ގާހިރާގައި އަރަބި ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމަކާ ކަރީމް ޚާންވަނީ ބައްދަލު ކުރައްވާފައެވެ. އަރަބި ގާނޫނީ ވަކީލުންގެ ޓީމުންވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަށް ހިންގާ އިސްރާއީލު އިސްވެރިންނާއި އިސްރާއީލަށް މިކަމުގައި ވާގިވެރިވާ އެމެރިކާގެ ރައީސްއާއި އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ބޮޑުވަޒީރުންނާއި ޔޫރަޕްގެ އިއްތިޙާދު (އީޔޫ)ގެ ރައީސް އުރުސުލާ ވޮންޑެލެޔެން ފަދަ ޔޫރަޕްގެ ލީޑަރުން ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރުމުގެ ފުރުސަތު އޮތްތޯ ކަރީމް ޚާން އާ ސުވާލު ކުރައްވާފައެވެ.

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން

ހަނގުރާމައިގެ ޖަރީމާ ހިންގާ ފަރާތްތަކާއި އެކަމަށް ވާގިވެރިވާ ފަރާތްތަކުގެ މައްސަލަތަކަކީވެސް ގަވައިދުން މައްސަލަ ހުށަހަޅައިފިނަމަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދި މުއާހަދާ ކަމަށްވާ "ސްޕެޝަލް ރޯމް ސިސްޓަމް"ގެ ދަށުން ނުބެލޭނެ މައްސަލަތަކެއް ނޫންކަމަށް ކަރީމް ޚާން ވިދާޅުވިއެވެ.

އަރަބި ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމަކުން ގެންދަނީ ހަނގުރާމައިގެ މުޖްރިމުންގެ ގޮތުގައި އިސްރާއީލުގެ ލީޑަރުންނާއި އެމެރިކާގެ ރައީސާއި އިސްރާއީލަށް ވާގިވެރިވާ އިނގޭސިވިލާތްފަދަ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ ލިސްޓެއް ތައްޔާރުކޮށް އެކަމަށް ބޭނުންވާ ހެކިތައް ހޯދަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާއާއި ޔޫރަޕްގެ ބައިނަލްއަގްވާމީ މުސްތަގިއްލު ވަކީލުންވެސް ގެންދަނީ މިޓީމާ ގުޅެމުންނެވެ.

ޔޫރަޕްގެ އިއްތިހާދުގެ ރައީސް އުރުސުލާ ވޮންޑެލެޔެން

ހަނގުރާމައިގެ މުޖްރިމުންކަމަށް ތުހުމަތުކޮށް ހައްޔަރު ކުރަން ބޭނުންވެގެން މިހާތަނަށް ތައްޔާރުކޮށްފައިވާ އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންގެ ލިސްޓެއްގައިވާ ނަންތަކާ ބެހޭގޮތުން އަރަބި ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ކަރީމް ޚާން އާ މަޝްވަރާ ކުރެއްވިކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

މުޖްރިމުންގެ މިލިސްޓުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރުގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އެމެރިކާގެ ދިފާއީ ވަޒީރާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސްނާކްއާއި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އާއި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މިލޯނީ އާއި ޖަރުމަނުގެ ޗާންސެލާ އޮލްފް ޝުލްޒް އާއި ޔޫރަޕްގެ އިއްތިޙާދުގެ ރައީސް އުރުސުލާ ވޮންޑެލެޔެން ހިމެނިވަޑައިގަންނަވައެވެ.

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއޯ މެލޯނީ

މީގެތެރެއިން އެމެރިކާއާއި ފަރަންސޭސިވިލާތުގެ ރައީސުންނާއި އިޓަލީއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުންނާ އަދި ޔޫރަޕްގެ އިއްތިޙާދުގެ ރައީސް ވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ގެންދަނިކޮށް އިސްރާއީލަށް ޒިޔާރަތް ކުރައްވައި އިސްރާއީލަށް ހިއްވަރު ދެއްވައި ވާހަކަ ދައްކަވާފައެވެ.

އަރަބި ގާނޫނީ ވަކީލުންގެ ޓީމު ބުނާގޮތުން އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންނަކީ ދުނިޔޭގެ އެންމެ ބޮޑެތި މުޖްރިމުންގެ ގޮތުގައި ތުހުމަތު ކުރެވުުމުގެ ފުރުސަތު އޮތް ބޭފުޅުންނެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ނުހައްގުން އިންތިހާއަށް ބާރާއި ނުފޫޒު ހިންގާތީ އެބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ ފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އިސްރާއީލާއި އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން އުޅުއްވަނީ ބައިނަލްއަގްވާމީ ގާނޫނު ނުހިނގާ ބޭފުޅުންގެ ގޮތުގައެވެ. އަންޓަޗަބަލް ބޭފުޅުންގެ ގޮތުގައެވެ.

ޖަރުމަނުގެ ޗަންސެލާ އޮލްފް ޝޯލްޒް

އެމެރިކާގެ ރައީސްވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ދިފާއުކޮށް އެކަމުގެ ޒިންމާ އިސްރާއީލުގެ ބަދަލުގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކުގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރައްވައި ފާޅުގައި ދޮގުތައް ހައްދަވާފައެވެ. އަދި ހަމާސްގެ މުޖާހިދުން އިސްރާއީލުގެ އާންމުން ހައްޔަރުކޮށް އޭގެތެރެއިން ބައެއް މީހުންގެ ބޯ ބުރިކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ހެއްދެވި ދޮގުތައް ބޭޒާރުވުމުން ވައިޓް ހައުސް އިންވަނީ ބައިޑެންއަށް އެހެން ވިދާޅުވެވުނީ އޮޅުމަކުންކަަން ހާމަކޮށްފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނަކީ އިސްރާއީލަށް ފާޅުގައި ހަތިޔާރާއި އަސްކަރީ އެހީވެސް އެންމެ ބޮޑަށް ދޭ ގައުމުތަކެވެ. އަދި މިއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވެ އިސްރާއީލަށް ހިމާޔަތްދޭ ގައުމުތައްވެސް މެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ހިންގި ޖަރީމާ ތަކާ ގުޅިގެންވެސް ޔޫރަޕްގެ އެތައް ލީޑަރެއްގެ މައްޗަށްވަނީ "ނިއުރެންބާގް ޓްރިއަލް"ގެ ނަމުގައި ނޮވެމްބަރު 20، 1954 އިން އޮކްޓޯބަރު 1، 1946އަށް ހަނގުރާމައިގެ މުޖްރިމުންގެ ގޮތުގައި ޝަރީއަތް ހިންގާފައެވެ.