ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް "އޯލަ"ގެ ކަސްޓަމަރުންނަށް އުރީދޫގެ، އެމް-ފައިސާ ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

މި ޕާޓްނާޝިޕާއި އެކު އޯލާ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާއެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އޯލަ މީޑިއާގެ ކްރިއޭޓިވް ލީޑް ސަމާހަތް އިބްރާހިމް ވިދާޅުވީ، އެމް-ފައިސާ މެދުވެރިކޮށް "އޯލަ" އެޕަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން. އެމް-ފައިސާއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އޯލާ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ޔަގީންކަމެއް،" ސަމާހަތް ވިދާޅުވިއެެވެ.

އޯލަ އެޕަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. އޯލާ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތަކަށްވެސް ވެސް މި އެޕްއަށް ފަސޭހަ ކަމާއެކު ލޮގިންވެވެއެވެ.

އޯލާ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފާވެއެވެ. "އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެ އެވެ.

އޯލަ އެޕްލިކޭޝަނަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ކިޔާދެނީ -- ފޮޓޯ: އުރީދޫ

އަދި ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަންއަށް ސަބްސްކްރައިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓް ލިބިގެންދާނެއެވެ.

ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150ރ ގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440ރ ގެ ސަބްސްކްރިޕްޝަން އެއް ބައްލަވައިގަނެވޭނެއެވެ. މި ސަބްސްކްރިޕްޝަންއަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާގެ ހިދުމަތް، އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ހިޔާރު ކުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ، ހުސައިން ނިޔާޒް ވިދާޅުވީ، ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލާ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫއިން ކުރާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.

"ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ވެގެންދޭ. ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި ބަދަލެއް ގެނައުމަށް މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނިޔާޒް ވިދާޅުވިއެވެ.

އޯލަ އެޕަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ އެޕްލިކޭޝަނެެކެވެ.