މާވަހަރެއް ހޮވުމަކީ ބޮޑުވެގެންވާ ނަސީބެކެވެ. އުފާވެރި ކަމުގެ ތެރޭއި އަވަހަށް އުޅެގަނެވެނީ ބޮޑު އަގުގައި މާވަހަރު ވިއްކާލެވޭތޯ އެވެ. އެކަމަކު ނައިފަރު، "ނަސްރު" ދޯނީގެ ކެޔޮޅު މުހައްމަދު އަބްދުﷲ އާއި އޭނާގެ 15 ފަޅުވެރިން 20 ކިލޯއަށް ވުރެ ބަރު ހުދަންބަރެއް ހޮވި ނަމަވެސް ނަސީބު ދިމާކުރީ އެހެން ގޮތަކަށެވެ. މާވަހަރުގެ އަގަށް ވުރެ އެމީހުންގެ ކުރިމަތީގައި މިފަހަރު ބޮޑުވީ މާވަހަރުގެ މައްސަލަ އެވެ.

އަބްދުﷲ މެން މާވަރު ހޮވިތާ އެއްމަހާ ދެ ހަފުތާވީ އިރު ވެސް އުޅެން ޖެހިފައި ވަނީ އަގު ބޮޑު މާވަހަރު ބަހާނެ ގޮތަކާމެދު އޮޑިވެރިޔާއާ "ޒުވާބު" ކުރުމުގެ ތެރޭގަ އެވެ. މާވަހަރު ހޮވީ މިދިއަ މަހު 28 ގަ އެވެ. މި މުއްދަތުގައި ބާޒާރަށް ބޮޑު އަގުގައި މާވަހަރު ދޫކޮށްލުމަށް ވުރެ ބައި އެޅުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ސެންޓާއި ކޮސްމެޓިކްސްގެ ބާވަތްތަކާއި ބޭސް އުފައްދަން ބޭނުން ކުރާ މާވަހަރުގެ އެންމެ އަގު ބޮޑު ބާވަތް ކަމަށްވާ ހުދަންބަރު މާވަހަރުގެ އަގަށް ބާޒާރުގައި އެންމެ ކުޑަކޮށް ވެސް އަށް މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވުނަސް މާވަހަރު ހިފައިގެން އެހިސާބަށް ދެވޭކަށް ނެތެވެ. މާވަހަރުގެ މައްސަލައިގައި އޮޑިވެރިޔާ މުހަންމަދު އަނިލް އާއި ދޯނިގެ ކެޔޮޅާއި އޭނާއާއެކުގައި ތިބި ފަޅުވެރިންގެ މެދުގައި ވަނީ ވަރުގަދަ "ކުރިމަތިލުމެއް" އުފެދިފަ އެވެ.

އަނިލް ބުނި ގޮތުގައި އޭނާގެ ދޯނި ހޮވި މާވަހަރުގެ މައްސަލަ އުފެދުނީ މާވަހަރު ހޮވިކަން އޭނާ އަށް ސިއްރުކުރި ހިސާބުންނެވެ. އޭނަ އަދި ބުނީ އިތުރަށް ގޯސްވީ ޓެސްޓް ކުރަން މާވަހަރުން އެތި ކޮޅެއް ނައްޓައިލި ހިސާބުން ކަމަށެވެ. ފަޅުވެރިންނާއި ކެޔޮޅު އެކަމަށް އިންކާރު ކުރެ އެވެ.

ނަސްރު ދޯނި މާވަހަރެއް ހޮވީ ކަންނެއްޔަށް ނުކުމެ ދުއްވުމުގެ ތެރޭގައި ހުވަދޫ ކަނޑުތެރެއިންނެވެ. އޮޑިވެރިޔާ ބުނާ ގޮތުން މާވަހަރެއް ހޮވިކަން އޭނާ އަށް އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އެއީ ދޯނީގެ ފަޅުވެރިއެއްގެ ފަރާތުން ކަމެއް ފަޅުވެރިއަކު ބުނެގެން މައުލޫމާތު ދިން މީހެއް ކަމެއް ޒުވާބާހެދި ސާފެއް ނުވެ އެވެ.

"[އެ ހަބަރު ލިބިގެން] ކެޔޮޅަށް ގުޅާފަ މާވަހަރެއް ހޮވި ވާހަކަ ނުބުނީ ކީވެގެންތޯ ސުވާލު ކުރުމުން ބުނީ އެއީ މާވަހަރެއްކަން ތިމަންނައަށް ޔަގީނެއް ނޫނޭ! އަހަރެން ބުނިން އޮޑިވެރިޔާ އަށް ނޭނގި އޮޑިއަށް އެއްޗެއް ލައިގެން ނުވާނޭ، މާވަހަރަށް އެއްވެސް ގޮތެއް ނުހަދާ ބާއްވާށޭ!" އަނިލް ބުންޏެވެ. "އޭގެ ދެ ދުވަސް ފަހުން އަޅުގަނޑަށް ހަބަރު ލިބުނީ އެ މާވަހަރު ފަޅާ ހަދައިފައިވާ ކަމަށް. އެހެން ހެދީ ކީއްވެގެންހޭ އެހުމުން ބުނީ މީހަކު ބުނެގެން ގޮމަ ނިޔަފަތި ހުރިތޯ ބަލާށޭ، އަސްލުތޯ ބަލަން!"

އޭގެ ފަހުން ދެން އައީ މާލެ އެވެ. މާލެ އައުމަށް ފަހު ވެސް މާވަހަރެއް ހޮވުމުގެ އުފަލަށްވުރެ ބޮޑަށް އޮތީ މާވަހަރެއް ހޮވިގެން އެކަކު އަނެކެއް މެދުގައި އުފެދުނު މައްސަލަގަނޑު އިތުރަށް ބޮޑުވެ ހޫނުވުމެވެ. އެންމެ ބޮޑު މައްސަލައަކަށްވީ މާވަހަރު ވިއްކާފައި ލިބޭ ފައިސާ ބަހާނެ ގޮތަކާމެދު އެވެ. ފައިސާ ބާހަނެ ގޮތަކަމާދެ ކެޔޮޅާއި އޮޑިވެރިޔާއަށް އެއްގަލަކަށް ނޭރި ކުރާ ޒުވާބުގައި މިހާރު ވަނީ މައްސަލަ ކޯޓަށް ވައްދާފަ އެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހުގައި މާވަހަރެއްގެ މައްސަލައިގައި ބަޔަކު ކޯޓަށް ދިޔަ ފުރަތަމަ ފަހަރެވެ.

މާވަހަރެއްގެ މައްސަލައިގައި އެންމެ ބޮޑު މައްސަލަ ރާއްޖޭގެ ކޯޓެއްގައި ހިންގާފައި ވަނީ ރައީސް ނާސިރުގެ ވެރިކަމުގަ އެވެ.

ހުދަންބަރު ހޮވި މީހުންގެ ތެރޭގައި އެންމެ ބޮޑު އަރައިރުމަކަށް ވެފައި ވަނީ އެންމެ ބޮޑު ބައި ލިބޭނީ ކާކަށްކަން ސާފު ނުވެގެނެވެ. މި "ތަޅާފޮޅުމު"ގައި ފަޅުވެރިން ތިބީ ކެޔޮޅުގެ ފަހަތުގަ އެވެ. އޮޑިވެރިޔާ އާއި ފަޅުވެރިންނާ ދެމެދު އޮތް އިތުބާރު ވެސް މާވަހަރުގެ ސަބަބުން ވަނީ ގެއްލިފަ އެވެ. ދެބައި މީހުންގެ މެދުގައި ވެސް މިހާރު އޮތީ ހަސަދަވެރި ކަމެކެވެ.

"[މާވަހަރު ބަހަން] އަހަރެން ބުނާ ގޮތަކަށް ކެޔޮޅު އެއްބަހެއް ނުވި. ކެޔޮޅު ބުނީ ތިމަންނައަށް ވެސް ލިބޭވަރޭ އޮޑިއަށް ވެސް ލިބެންޖެހޭނީ،" އަނިލް ބުންޏެވެ.

އަނެއް ކޮޅުން އެހެން މައްސަލައެއް ވަނީ ނުކުމެފަ އެވެ. އޮޑިވެރިޔާ ބޭނުން ވަނީ މާވަހަރު ބާއްވާފައި ދޯނި މަހަށް ފުރުވާލާށެވެ. ފަޅުވެރިން ބޭނުން ވަނީ މާވަހަރު ވިއްކާ ފައިސާ ބަހައިގެން ނޫނީ ނުފުރާށެވެ. އޭގެ ކުރިން ފުރާ ނަމަ މާވަހަރު ހިފައިގެން ފުރާށެވެ.

"އަހަރެން މި ބުނަނީ މާވަހަރު ހިފައިގެން ފުރުމުން ގަންނަން މީހަކު އައިމަ ހަދާނީ ކިހިނެއްހޭ؟ ބުނާއިރަށް ކެޔޮޅު ބުނަނީ މާވަހަރު ބާއްވާފައި ދާކަން ތިމަންނަ އަށް ކަލެއަށް [އޮޑި ވެރި ފަރާތް] އިތުބާރެއްނެތޭ، ބުނުމުން އަހަރެން ބުނިން އެހެންވިއްޔާ ދޯނި ބާއްވާފައި މިހާރު ކަލެ ދާށޭ!" އަނިލް ބުންޏެވެ.

މާވަހަރާ ހެދި މޫނު ކެނޑި މައްސަލަ ގޯސްވުމުން އޮޑިވެރިޔާ ސިވިލް ކޯޓަށް ވެއްދި ދައުވާގެ ޝަރީއަތް ވެސް މިހާރު ވަނީ ފޯރި ހިފައިފަ އެވެ. އޮޑިވެރިޔާ ކޯޓުގައި ބުނަނީ މާވަހަރު ވިއްކައިގެން ލިބޭ ފައިސާ ދެބައިކޮށް އެއްބައި ލިބެން ޖެހޭނީ އޭނާ އަށް ކަމަށެވެ. އެކަމަކު އަބްދުﷲ އާއި ފަޅުވެރިން އެކަމާ ދެކޮޅެވެ.

އަމިއްލަ ސެކިއުރިޓީ ފާމެއް ކަމަށްވާ އޭއެސްޕީގެ ބެލުމުގެ ދަށުގައި ބާއްވައިގެން މިވަގުތު 24 ގަޑިއިރު ފޯރިމަރަމުން ގެންދާ މާވަހަރުގެ މައްސަލައަށް ގޮތެއް ނިމެންދެން އޭގެ ބެލެނިވެރިކަން ފިނޭންސް މިނިސްޓްރީ އަށް ދިނުމަށް ވެސް ކޯޓްގައި އޮޑިވެރިޔާ ގެންދަނީ ވަކާލާތު ކުރަމުންނެވެ.

ކެޔޮޅު އަބްދުﷲ ބުނަނީ މާވަހަރު ހޮވީ އޭނާ އާއި ފަޅުވެރިން ކަމަށާއި އެ މާވަހަރު މާލޭގައި ބާއްވާފައި ފުރައިގެންދާން ބޭނުން ނުވާ ކަމަށެވެ. އަދި މާވަހަރު ބޭރަށް ފޮނުވައިގެން ޓެސްޓްކުރި ކަމަށް އޮޑިވެރިޔާ ބުނި ނަމަވެސް އެކަމަށް ވެސް އޭނާ ޝައްކު ކުރެ އެވެ.

"އޭނަ [އޮޑިވެރިޔާ] އެބަ ބުނޭ މިހާރު މާވަހަރު ޓެސްޓްކުރަމުން ދާ ކަމަށް. ނަމަވެސް އެއިން އެއްވެސް ޓެސްޓެއްގެ ނަތީޖާއެއް އަހަރުމެންނަކަށް ނޭނގޭ. އަޅުގަނޑުމެން މިކޮޅުން ފުރަން ހުރިހާކަމެއް ތައްޔާރު ކުރުމުން އޮޑިވެރިމީހާ ބުނީ މާވަހަރު ބާއްވާފައި ފުރާށޭ ނަމަވެސް މިއީ އަޅުގަނޑުމެން 15 މީހުން ހޮވި އެއްޗަކަށް ވާތީ އެއްވެސް ކުއްޖަކު ބޭނުމެއްނުވި އެގޮތަށް ފުރާކަށް،" އަބްދުﷲ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޮޑިވެރި ވެރިފަރާތުން މާވަހަރު ދެ ބައިކޮށް އެއްބައި ނެގުމަށް ފަހު އަނެއްބައި ދެންތިބި 15 މީހުންގެ މެދުގައި ހަމަހައަށް ބަހަން ބޭނުންވިޔަސް ފަޅުވެރިން ތިބީ ރުހިގެނެއް ނޫނެވެ. ފަޅުވެރިން ބޭނުން ވަނީ ކަންނެލީގެ އާމްދަނީ ބަހާގޮތަށް ތިން ބައިކުޅަ އެއްބައި އޮޑިއަށް އަނެއް ދެބައި ފަޅުވެރިންގެ މެދުގައި ބަހާށެވެ.

"ހުރިހާ ކަމެއް ނިންމާ މާވަހަރު ފަޅަން އުޅެނިކޮށް އޮޑިވެރިޔާ ބުނީ ނޫންނެކޭ ތިމަންނައަށް ދެބައިކޮށްފަ އެއްބައޭ. އެހެން ބުނެ ކޯޓަށް ދިޔައީ. އެކަމަކު ކުރިން ފަޅުވެރިން ބުނާގޮތް ހަނދަން ވެސް އެއްބަސްވި" އަބްދުﷲ ބުންޏެވެ.

ކެޔޮޅާއި ފަޅުވެރިން އަދި އޮޑިވެރިޔާއަށް ވެސް މިވަގުތަށް އޮތީ މާވަހަރެއް ހޮވި ކަމުގެ ނަސީބެވެ. އޭގެ ސަބަބުން އުފާވާކަށް އެކަކަށް ވެސް ނޭނގުނެވެ. ބަދަލުގައި އެކަން ވީ ބޮޑު މައްސަލައަކަށެވެ. އެކަމަކު އެއެންމެންވެސް ތިބީ ނަސްރު ދޯނި ހޮވި މާވަހަރު ބެހުމުގައި ނަސްރު ލިބޭނީ ކޮންބަޔަކަށްތޯ ބަލައިގެންނެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނާހެން ހީވެ އެވެ: "މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިނގުރައިދޫ އިބުރާހިމް ހުސައި މަނިކުގެ 'މާވަހަރު' ވާހަކައިގެ ހާދިސާ ފަދައިން ކަނޑުމަތީގައި މި ޒުވާބުގަނޑު ގަދަނުވިކަން ނަސީބެކެވެ!"