ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދިވެސް ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާ މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ގަރާރު ހުށަހަޅަން އިއްޔެ ވެސް ޖަލްސާއެއް ތާވަލުކުރިއެވެ. ނަމަވެސް އެމަނިކުފާނުގެ ކޮއްކޯފުޅު އީވާ ސަލާން ފޮނުއްވާފައިވުމުން ޖަލްސާ ނުބޭއްވޭނެ ކަމަށް އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ނިންމަވާފައެވެ.

އެއާއެކު ނަޝީދުގެ އިތުބާރުގެ މައްސަލަ ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް އިއްޔެ ވަނީ މައްސަލަ ހުށަހަޅާފައެވެ. އެގޮތުން އެމްޑީޕީން ހުށަހެޅި މައްސަލައިގައި، އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން ވަނީ އެދެފައެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، އެ މައްސަލަ ހުށަހެޅީ އަމީންއާންމުގެ ނިންމެވުމަކީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ދެ ކަމަކަށް އެދިފައިވާނެ ކަމަށާ އެ ކަންކަމަކީ:

  • ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ކަނޑައަޅާފައިވާ ގޮތަށް، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިޔާސަތުގައި އިންނަވަން ނައިބު ރައީސަށް ވަޑައިނުގަނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތަށް އަމަލުކުރަން އިދާރާގެ މައްޗަށް ލާޒިމުވާ ކަމަށް ކަނޑައަޅުއްވައި ދިނުމަށް.

  • މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށާއި އެކަމަށް އެދިފަ.

އެމްޑީޕީން އެ މައްސަލަ ހުށަހަޅާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރެއްވުން އަންނަ މަހުގެ 17ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ޕީޖީން ވަނީ، އިތުބާރު ނެތް ރައީސަކު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އިންތިޚާބީ ރައީސް ކުރައްވާ ހުވާ ބަލައި ނުގަންނާނެ ކަމަށް ބުނެފައެެވެ. ނަމަވެސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ގާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އެމްޑީޕީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފައެވެ. ނަމަވެސް މި ދައުރުގައި 49 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވަނީ އަލުން ހުށަހަޅާފައެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.