30 Oct 2023, 14:22
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާ އާއި އެންމެފަހުގެ ޗެމްޕިއަން އިންގްލެންޑް ބައްދަލު ކުރި މެޗް އިންޑިއާއިން ކާމިޔާބު ކޮށްފިއެވެ.
ލަކްނޯގައި ކުޅުނު މި މެޗް އިންޑިއާއިން ކާމިޔާބު ކޮށްފައި ވަނީ 100 ލަނޑުންނެވެ.
މި މެޗްގެ ޓޮސް ދިމާވުމުން އިންގްލެންޑްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން އިންޑިއާއިން ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 229 ލަނޑެވެ.
އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް މި މެޗްގައި ދެއްކީ 87 ލަނޑު ހަދައިދިން ކެޕްޓަން ރޯހިތު ޝަރްމާއެވެ. ނަމަވެސް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ވިރާތު ކޯލީއަށް އެންމެ ލަނޑެއްވެސް ހެދޭގޮތް ނުވެ އަދި ޝުބްމަން ގިލް ނުވަ ލަނޑަށް އަދި ޝްރެޔާސް އިޔަރު ހަތަރު ލަނޑަށް ނުބައިވުމާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް އިންޑިއާ ބަލިވެދާނެކަމަށް ހީވެގެންދިޔައެވެ.
ނަމަވެސް ކޭއެލް ރާހުލް އާއި ސުރްޔަކުމާރު ޔާދަވް ކުޅެން އަރާ ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ޓީމަށް ގެނުވާފައެވެ. މި އީނިންގްސްގައި އިންގްލެންޑް ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 45 ލަނޑަށް ތިން ވިކެޓް ނަގައިދިން ޑޭވިޑް ވިލީއެވެ. މީގެ އިތުރުން ކްރިސް ވޯކެސް އާއި އާދިލް ރާޝިދުއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި އިންގްލެންޑްއިން ކުޅެން އަރާ 34 އޯވަރު ފަސް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. މި މެޗްގައި އިންގްލެންޑްގެ ބެޓްސްމަނުންނަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. އެންމެ ގިނަ ލަނޑު ހަދައިދިން ލިއާމް ލިވިންގްސްޓޯންއަށް ވެސް ހެދުނީ 27 ލަނޑެވެ. މި އީނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތް އޯވަރު 22 ލަނޑަށް ހަތަރު ވިކެޓް ނަގައިދިން މުހައްމަދު ޝާމީއެވެ. އަދި ޖަސްޕްރީތު ބުމްރާ ވަނީ ތިން ވިކެޓް ނަގައިދީފައެވެ.
މި ކާމިޔާބީއާއެކު އިންޑިއާ މި ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމް ކުޅުނު ހަ މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައަށް އަނެއްކާ ވެސް އަރާފައެވެ. އަދި އިންގްލެންޑް އުޅެނީ ދެ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.
ތަށި ދިފާއު ކުރުމަށް މި ފަހަރު ނުކުތް އިންގްލެންޑް ޓީމަށް ވަނީ އަނިޔާ އާއި ކުޅުންތެރިންގެ މެދުގައި އޮތް އިތުބާރު ގެއްލިގެން ގޮސްފައެވެ. މިކަން އާންމުކޮށް ވަރުގަދަކަމަށް ގިނަ ބަޔަކު ގަބޫލްކުރާ އިންގްލެންޑްގެ ބެޓްސްމަނުން މި މެޗްގައި ދެއްކި ކުޅުމުން ވެސް ހާމަވެގެން ދެއެވެ.