30 Oct 2023, 12:19
އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބު ކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ތިން ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާ ލިވަޕޫލަށް ލީޑު ނަގައި ދިނީ ޑިއޮގޯ ޖޮޓާއެވެ. މިލަނޑު ޖެހުމަށްފަހު ޖޮޓާ އާއި އެޓީމްގެ އެހެން ހުރިހާ ކުޅުންތެރިން އެއް ވެގެން ވަނީ އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ ތަރި ލުއިސް ޑިއޭޒް އާއެކު އެ ޓީމް އޮތް ކަން ހާމަކޮށްދިނުމުގެ ގޮތުން އޭނާގެ ޖާޒީ ސަޕޯޓަރުންނަށް ދައްކާލާފައެވެ.
ލުއިސް ޑިއޭޒްގެ ބައްޕަ ހަތިޔާރު އެޅި ބަޔަކު ކޮލަމްބިއާގައި ރަހީނު ކޮށްފައިވާތީ މި މެޗްގައި ޑިއޭޒް ބައިވެރިވެފައެއް ނުވެއެވެ.
މި މެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހައިދިނީ ޑާވިން ނޫނޭޒްއެވެ. މި މެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ސަލާހްއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ހާމަކުރިގޮތުގައި ހުރިހާ ކުޅުންތެރިން މިއަދުގެ މެޗް ކުޅުނީ ޑިއޭޒްގެ ހައްގުގައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މުޅި ޓީމްވެސް އޮތީ ޑިއޭޒް އާއެކުކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި އޭނާ އާއި އޭނާގެ ކުޅުންތެރިންނަށް މިވަގުތު ކުރެވޭނީ ހުރިހާ ކަމެއް އަލުން ހަމައަކަށް އެޅޭތޯ ދުއާކުރުމުގެ އިތުރުން އޭނާގެ ހައްގުގައި ރަނގަޅު ކުޅުމެއް ދެއްކޭތޯ ބެލުމެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 10 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ފޮރެސްޓް އުޅެނީ 10 ޕޮއިންޓާއެކު 16 ވަނައިގައެވެ.