އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ސިޓީއިން ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓާ ޑާބީގެ ނަމުން މަޝްހޫރުވެފައިވާ މި ދެ ޓީމްގެ މިކުރިމަތިލުން ސިޓީއިން ކާމިޔާބުކުރީ ޔުނައިޓެޑްގެ ދަނޑުގައި ކުޅެ ތިން ލަނޑު ސުންލަނޑުންނެވެ.

މި މެޗް ފެށުމުގެ ކުރިން ވަނީ ވަރަށް ފަހުން މަރުވި ޔުނައިޓެޑްގެ ކުރީގެ ތަރި ސާ ބޮބީ ޗާލްޓަންއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. ސާ ބޮބީ ޗާލްޓަންއަށް އިހްތިރާމް އަދާ ކުރުމުގައި ދެޓީމްގެ ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ސިޓީއަށް ލީޑު ނަގާދިނީ އާލިން ހާލަންޑްއެވެ. މި ޕެނަލްޓީ ލިބިގެންދިޔައީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމްގެ ފޯވަޑް ރަސްމުސް ހޮއިލުންޑް ސިޓީގެ ރޮޑްރީއަށް ފައުލް ކުރިކަމަށް ވީއޭއާރުން ބެލުމަށްފަހު ނިންމުމުންނެވެ. މިލަނޑުގެ ކުރިން ޔުނައިޓެޑްއިން ކޮންމެވެސް ވަރަކަށް ސިޓީއަށް ނުރައްކާ ކޮށްފައިވީ ނަމަވެސް މި މެޗްގައި ދެން ފެނިގެންދިޔައީ ސިޓީއިން މެޗް ޑޮމިނޭޓް ކޮށްގެން ކުޅެމުންދިޔަ ތަނެވެ.

މި މެޗްގެ ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް ހާލަންޑް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާ ދިފާއުކުރިއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓްގައި ހާލަންޑް ވަނީ ސިޓީއަށް އެ ޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗްގެ 80 ވަނަ މިނެޓްގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ތިން ވަނަ ލަނޑު ޖަހާދިނީ ފިލް ފޯޑެންއެވެ.

މި ސީޒަންގައި ސިޓީގެ އެންމެ މޮޅު ކުޅުން މިހާތަނަށް ފެނިގެން ނުދާކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް މި މެޗްގައި ސިޓީއިން ވަނީ މޮޅު ކުޅުމެއް ދައްކާ އެ ޓީމް އަނެއްކާވެސް ފޯމަކަށް އެޅެމުންދާކަމުގެ ނިޝާންތަކެއް ބެލުންތެރިންނަށް ދައްކުވާދީފައެވެ. ސިޓީ އާއި ހިލާފަށް ޔުނައިޓެޑަށް މި މެޗްގައި މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 10 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ޔުނައިޓެޑް އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.