30 Oct 2023, 08:45
ފިލްމު "ވިކީ ޑޯނާ" އިން 2012 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް އަޔުޝްމާން ކުރާނާ އޭގެ ކުރިން މަސައްކަތްކުރީ ނޫސްވެރި ކަމުގެ ދާއިރާގައި ކަމަށް އެކްޓަރު ބުނެފިއެވެ.
އަޔުޝްމާނު ފިލްމީ ދާއިރާއަށް ތަޢާރަފް ވުމަށްފަހު ކެރިއަރުގެ ކުރީކޮޅުގައި ކުޅެފައިވަނީ ވަރަށް ކުޑަ ބަޖެޓްތަކުން އުފެއްދި ފިލްމުތައް ކަމަށާއި ކެރިއަރުގައި މިހާރު އާދެވިފައިވާ މަގާމަށް ވާސިލުވާން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނުކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އަޔުޝްމާނަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ފަރާތަކަށް ނުވުމުން ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްލަން ވަރަށް ދަތިވި ކަމަށާއި ނަމަވެސް ނޫސްވެރިއެއްގެ ނަޒަރުން ފިލްމީ ދާއިރާގެ މަސައްކަތް ހިނގާގޮތް ވަރަށް ކައިރިން ފެނިފައިވުމުން އެއީ ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރުވެސް އޭނާއަކީ އެ ދާއިރާގެ މަސައްކަތް ދަސްކުރަމުން އައި ދަރިވަރެއް ކަމަށާއި ފިލްމީ ދާއިރާގެ ފިލާވަޅުތައް ނެގީވެސް ދަރިވަރެއްގެ ގޮތުގައި ހުރެގެން ކަމަށް އަޔުޝްމާނު ވަނީ ބުނެފައެވެ. އޭގެތެރޭގައި ތިއޭޓަރުގެ މަސައްކަތާއި، ރޭޑިއޯގައި ކުރާ މަސައްކަތްތަކާއެކު ޓީވީ ޕްރޮގްރާމްތައް ޕްރެޒެންޓް ކުރަން ދަސްކުރުން ހިމެނޭ ކަމަށް ފިލްމު "ބަދާއި ހޯ"ގެ އެކްޓަރު ވަނީ ބުނެފައެވެ.

އަޔުޝްމާން އާއި އަންހެނުން ތާހިރާ ކަޝްޔަޕް
ފިލްމު ތަކަށް އޮޑިޝަން ދެމުން މިހާރުގެ މަޝްހޫރު ގިނަ ފިލްމީ ތަރިންގެ އިންޓަވިއު ނެގިކަމަށް ވެސް އަޔުޝްމާން ވަނީ ބުނެފައެވެ. ފިލްމީ ކެރިއަރަށް ތައްޔާރުވެ ފިލްމުތަކުން ފުރުސަތު ލިބެމުންދިޔަ ނަމަވެސް ނޫސްވެރިކަމުން ހޯދަމުންދިޔަ ތަމްރީނުތައް ފުރިހަމަކުރި ކަމަށާއި ފިލްމީ ކެރިއަރަށް އެކަމުން ވަރަށް ހެޔޮ އަސަރެއް ކުރިކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އަޔުޝްމާން ކުރާނާ އަކީ ބޮލީވުޑްގައި ހިމެނޭ އެކްޓަރުންގެ ތެރެއިން އަބަދުވެސް ވަރަށް ތަފާތު ސްކްރިޕްޓްތަކަށް މަސައްކަތް ކުރަން ހާއްސަ ޝައުގުވެރިކަމެއް ހުންނަ އެކްޓަރެކެވެ. އިންޑިއާގެ ޤައުމީ އެވޯޑްގެ އިތުރުން ހަތަރު ފިލްމުފެއާ އެވޯޑް ހާސިލުކޮށްފައިވާ އަޔުޝްމާން އެންމެ ފަހުން ފެނިފައިވަނީ މިހާރު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާ ފިލްމު "ޑްރީމް ގާލް2" އިންނެވެ.