30 Oct 2023, 10:35
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތައް ހައްދުފަހަނައަޅައި، އެތައް މުސްލިމުންނެއް ޝަހީދުކޮށްލާފައިވާއިރު، އެންމެ ފަހުން އިންޒާރު ދީފައި ވަނީ ޣައްޒާގައި ހުންނަ އަލް ޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރެވެ. އިންޒާރަށްފަހު، މިހާރު ހޮސްޕިޓަލާއި ކައިރިއަށް ވަރަށް ވަރުގަދަޔަށް ބޮން އަޅަމުންދާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ހޮސްޕިޓަލްގެ ޑިރެކްޓަރު ބައްޝާރު މުރާދާ ހަވާލާދީ ވަފާ ނޫހުން މީގެކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ ހޮސްޕިޓަލަށް ވަރަށް ބިރުވެރި އިންޒާރުތަކެއް ދީފައެވެ. ބޮން ގޮއްވުމުގެ އިންޒާރުގެ އިތުރުން ޒަޚަމްވެފައިވާ ފަރާތްތަކާއި މުވައްޒަފުން ވެސް ވަގުތުން ހޮސްޕިޓަލުން ނެރުމަށް އިސްރާއީލުން ބުނެފައިވާ ކަމަށް ބައްޝާރު ވިދާޅުވިއެވެ.
ނަމަވެސް ޖުމުލަ 400 އަށް ވުރެ ގިނަ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން އެ ހޮސްޕިޓަލްގައި މިހާރު ތިބިއިރު، ގެދޮރު ގެއްލިފައިވާ ގާތްގަޑަކަށް 12،000 މީހުން ވެސް ތިބީ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދައިގެންނެވެ. މިއާއެކު ހޮސްޕިޓަލް ހުސްކުރުމަކީ ނާދިރު ކަމެއް ކަމުގައިވެސް ބައްޝާރު ވިދާޅުވިއެވެ.
ބޮމުގެ އިންޒާރާއެކު ހޮސްޕިޓަލްގައި ތިބި ގިނަ ބަޔަކު ވަނީ ހޮސްޕިޓަލް ބޭރަށް ނިކުމެފައެވެ.
ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުން ބޮން އަޅަމުންދާތީ، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
ގުދުސް ހޮސްޕިޓަލްގެ ބައެއް އޮފިޝަލުން ބުނާ ގޮތުގައި ގުދުސް ހޮސްޕިޓަލަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ފަސް ފަހަރެއްގެ މަތިން އިސްރާއީލުން ދީފައިވެއެވެ. ޣައްޒާ ސިޓީގެ އަވަށެއް ކަމަށްވާ ތަލް-އަލްހަވާގައި ހުންނަ އެ ހޮސްޕިޓަލް ހިންގަމުން އަންނަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓުންނެވެ.
އަލް ޤުދުސް ހޮސްޕިޓަލް ހުސްކުރަން އެންގިއިރު، ތެލާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ ފަރުވާދޭ ސާމާނު ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން 15 ހޮސްޕިޓަލެއްގެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓާލަން މަޖުބޫރުވެފައެވެ.
ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުތެރޭސް ވެސް ތަކުރާރުކޮށް ވަނީ ގޮވާލައްވާފައެވެ. ނަމަވެސް މި ހުރިހާ ގޮވާލުންތަކަކަށް ބީރު ކަންފަތެއް ދީ ހަނގުރާމައިގެ ދެން އޮތީ "ދެވަނަ މަރުހަލާ" ކަމަށް ޔަހޫދީ ދައުލަތުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.