ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން، އެއްގަމުން މަގުން އިސްރާއީލުން ޣައްޒާއަށް އެތެރެވި މައްސަލައިގައި އދ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަނެއްކާވެސް ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ބައްދަލުވުން ބާއްވައިދިނުމަށް އެދި އާންމު މަޖިލީހަށް ހުށަހަޅާފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ) އިންނެވެ.

މި ބައްދަލުވުމުގެ އެޖެންޑާގައި "މެދުއިރުމަތީގެ މިހާރުގެ ހާލަތު" މި މައުލޫއަށްވެސް ވާހަކަ ދައްކަން ވަނީ ނިންމާފައެވެ. އަދި މި ސެޝަންގައި ފަލަސްތީނުން ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮންނާނެ ކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ.

މި ކުއްލި ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ ޔަހޫދީން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އުރުދުންއިން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރު ފާސްވެފައިވާ ދަނޑިވަޅެއްގައެވެ. މި ގަރާރާ އެއްކޮޅަށް 120 ގައުމަކުން ވަނީ ވޯޓު ދީފައެވެ. އެމެރިކާއާއި އިސްރާއީލާއިއެކު ގަރާރާ ދެކޮޅަށް 14 ގައުމަކުން ވަނީ ވޯޓު ދީފައެވެ.

ޔޫއޭއީގެ ދައުލަތުގެ ނޫސް އޭޖެންސީ، ޑަބްލިޔުއޭއެމްއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހަނގުރާމަ ހުއްޓާލުމަށް ހޮނިހިރު ދުވަހު ޔޫއޭއީގެ ހާރިޖީ ވުޒާރާއިން ވަނީ ގޮވާލާފައެވެ.