ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ އެ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޔާމީން މިރޭ ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރެއްވީ އެ ޕާޓީގެ މައި އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެ މަނިކުފާނަށް ވަފާތެރި ޕީޕީއެމްގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

އެނގިފައިވާ ގޮތުގައި އެ މަނިކުފާނު ވަނީ ބޮޑު ޖަލްސާއަކުން ދިވެހި ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް މިރޭ ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޕީޕީއެމްގެ މެންބަރަކު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި އާ ސަރުކާރު ދަމަހައްޓަން މަސައްކަތް ކޮށްދެއްވަން ޔާމީން އެދިވަޑައިގެންފައިވާ ކަމަށާއި އަދި، މިހާރުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން އަލިއަޅުއްވައިލައްވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ --

ބައްދަލުވުމާ ގުޅޭ ގޮތުން ޕީޕީއެމުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައިނުވާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ބައިވެރިވެފައެއް ނުވެއެވެ. އެ ބައްދަލުވުން ކުރިއަށް ދިޔަ އިރު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ތިއްބެވީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިންނާ ބައްދަލު ކުރުމަށް ބާއްވާ ޖަލްސާއެއްގައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25ގައި އެ މަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ކަރެކްޝަންސްއިން ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު، އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ޔާމީންގެ ބަންދަށް ގިނަ ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، ކަރެކްޝަންސްއިން ރޭ ވަނީ ޔާމީންގެ ގޭ ބަންދަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

އެ މަނިކުފާނުގެ މައްސަލަ އޮތީ އިސްތިއުނާފީ މަރުހަލާގައި ހައިކޯޓުގައެވެ. އެ މައްސަލަ ނިމޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.