17 May 2012, 10:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، މިމަހު 11 އިން 15 އަށް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށާއި، ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގަށް ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވައިފި އެވެ.
އެ ދެ ބޭފުޅުންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެމަނިކު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ ދެކަނބަލުންނަށާއި، އަރިހުގައި ގެންދެވި ވަފުދުގެ ބޭފުޅުންނަށް، އިންޑިޔާ ސަރުކާރުން ވިދާޅުވި ހޫނު މަރްޙަބާއާއި ބެހެއްޓެވި މެހްމާންދާރީގެ ފުރިހަމަކަމަށްޓަކައި، އެ ދެ ބޭފުޅުންނަށާއި އިންޑިޔާ ސަރުކާރަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އިންޑިޔާ ސަރުކާރުން ވެދެއްވަން ނިންމަވާފައިވާ އެހީތަކަށްޓަކައި ވެސް އެ ދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ސަބަބުން، އިންޑިޔާއާ ރާއްޖެއާ ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.