30 Oct 2023, 12:00
ރެއާލް މެޑްރިޑުގެ ފްރާންސް މިޑްފީލްޑަރު އޯރެލިއެން ޗުއަމެނީއަށް އަނިޔާވެ، ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ޗުއަމެނީއަކީ ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ އާންމުކޮށް ފުރަތަމަ 11ގައި ހިމަނާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ މިސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ މެޗުގައި ވެސް 90 މިނެޓު ކުޅެފައެވެ. ސްޕެނިޝް ލަލީގާގައި ބާސެލޯނާއާ ދެކޮޅަށް ރޭ ކުޅުނު އެ މެޗުން ރެއާލް މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.
ޗުއަމެނީއަށް އަނިޔާވެފައިވާކަން ރެއާލުން އިއުލާންކުރި ނަމަވެސް، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. ޗުއަމެނީއަށް ލިބުނު އަނިޔާގެ ތަފްސީލު ބެލުމަށް ރެއާލުން ވަނީ އިއްޔެގެ މެޗަށްފަހު ޓެސްޓުތަކެއް ހަދައިފައެވެ. އެ ޓެސްޓުތަކަށްފަހު އޭނާގެ ހާލަތު ބަލަމުންގެންދާނެ ކަމަށް ރެއާލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 23 އަހަރުގެ ޗުއަމެނީގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ހަ ހަފުތާ އާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.
ޗުއަމެނީއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި އެންޗެލޮޓީ ބޭނުންކުރާނެ ކަމަށް ބެލެވެނީ ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާއެވެ. ޗުއަމެނީ އާއި ކަމަވިންގާއަކީ އެއް މަގާމަކަށް ކުޅޭ ދެ ކުޅުންތެރިންނަށް ކަމަށްވީ ނަމަވެސް، އެންޗެލޮޓީ ވަނީ ޑިފެންޑަރެއްގެ ގޮތުގައި ވެސް ކަމަވިންގާ ބޭނުންކޮށްފައެވެ.
ސްޕެނިޝް ލަލީގާގައި ރެއާލް އޮތީ 11 މެޗުން ހޯދި 28 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ގިރޯނާއަށް ވެސް 28 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ވާދަވެރި ބާސާ އޮތީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.