އިންތިގާލީ މަރުޙަލާގައި، އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އިންތިޚާބީ ރައީސްގެ އޮފީހުން މިރޭ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމަން އާބަންކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގެ ބިންތަކަކީ، ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް'ތައް ކަމަށެވެ.

އެހެންވެ، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށާއި އަދި، ވަކީން ޚާއްސަކޮށް، މި މުޢާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުޢާމަލާތްތަކެއް ހިމެނޭ ކަމާ މެދު އިތުރަށް ކަންބޮޑުވާ ކަމަށް ވަނީ ބުނެފައެވެ.

"މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެއެވެ. ވުމާއެކު، މި މަރުޙަލާގައި މި ފަދަ މުޢާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިޤާލީ މަރުޙަލާގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯގެ ބަހެއް ލިބިފައެއް ނުވެއެވެ.