މިސީޒަނުގައި ކުޅުނު ފުރަތަމަ އެލް ކްލެސިކޯ މެޗުން ބަލިވުމުން ޓީމުގެ ކުޅުންތެރިންގެ ފަރާތުން އިތުރު ރުޅިވެރިކަމަަކާއި މާޔޫސްކަމެއް ފެންނަން ބޭނުންވާ ކަމަށް ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ސްޕެނިޝް ލަލީގާ މެޗުން ބާސާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރީކޮޅުގައި ގުންޑޮގަން، ބާސާއަށް ލީޑު ހޯދައިދިން ނަމަވެސް، ފަހަތުން އަރައި ރެއާލް މޮޅުވީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމްގެ ދެ ގޯލުންނެވެ. ގުންޑޮގަންގެ ފުރަތަމަ އެލް ކްލެސިކޯގައި ގޯލެއް ކާމިޔާބުކުރެވުނު ނަމަވެސް، އޭނާ ވަނީ ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"މިއީ ވަރަށް މުހިންމު މެޗެއް، އަދި މި ނަތީޖާއަކީ އަހަރެމެން ހީކުރި ގޮތަށް ނުކުތް ނަތީޖާއެއް ނޫން. ޓީމުގެ ކުޅުންތެރިން އިތުރު ރުޅިވެރިކަމެއް އަދި މާޔޫސްކަމެއް ދައްކަން ޖެހޭނެ. އަހަރެމެންނަށް މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެކަން އެނގޭ، އެހެންވީމާ އެ އިހުސާސްތައް ދައްކަން ޖެހޭނެ،" މެޗަށްފަހު ގުންޑޮގަން ބުންޏެވެ.

ގުންޑޮގަން ބުނީ މިދިޔަ ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށް، ބާސާއާ ގުޅުނީ މިފަދަ މެޗުތަކުން ބަލިވާން ނޫން ކަމަށާއި ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވެސް ޒިންމާ ނަގަން ޖެހޭނެކަން ގަބޫލުކުރާ ކަމަށެވެ.

އެ ބައްޔާ ގުޅިގެން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލާއި ތިންވަނައިގައި އޮތް ބާސާއާ ދެމެދު މިހާރު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސާ ތިންވަނައަށް ވެއްޓިފައިވަނީ ދުވަސްކޮޅަކަށް ތާވަލުގެ އެއްވަނައިގައި އޮތުމަށްފަހުއެވެ.