17 May 2012, 10:26
ގަލޮޅު ސަހަރާ ކައިރިން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ.
ފުލުހުން ބުނީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ރޭ އިރާކޮޅު އެ އަންހެން މީހާ ހިނގާފައި ދަނިކޮށް އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ދިޔަ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނީ ގަލޮޅު ސަހަރާ ކައިރިން ހެންވޭރާވީ ކޮޅަށް ކުޑަ ދެ ކުދިން ގޮވައިގެން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަންފަށް ފޭރިގަނެގެން ދިޔައީ ވަރަށް ބާރަށް ސައިކަލުގައި ދިޔަ ދެ މީހުން ކަމަށެވެ. އަދި ސައިކަލުގައި ދިޔަ ދެ މީހުންގެ ފަހަތުން އިތުރު ސައިކަލެއް ވެސް ދިޔަ ކަމަށް އެ މީހާ ބުންޏެވެ.
ގަލޮޅު ސަހަރާ ކުރިމަތީ އޮންނަ ގޯޅިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަންފަށެއް ވެސް ވަނީ މި އަހަރުގެ ކުރީކޮޅު ފޭރިގަނެފަ އެވެ. އެ ފަހަރު ފޭރިގެންފައި ވަނީ އުމުރުން 18 އަހަރު ވެސް ނުވާ ކުޑަކުދިން ތަކެކެވެ.