29 Oct 2023, 18:38
ޣައްޒާގައި ހުންނަ އަލް ޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރުދީ، އެ ތަން ހުސްކުރުމަށް އަނެއްކާ ވެސް އިސްރާއީލުން އަންގައިފިއެވެ.
މި ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލުން މީގެ ކުރިން ވެސް ވަނީ އަންގާފައެވެ.
ފަލަސްތީނުގެ ވަފާ ނޫހުން ރިޕޯޓުކުރާ ގޮތުގައި ހޮސްޕިޓަލް ހުސް ކުރުމަށް އިސްރާއީލުން އަމަލުކުރި ނަމަވެސް، އެކަމާ ހޮސްޕިޓަލުން ވަނީ ދެކޮޅު ހަދައިފައެވެ. އަލް ޤުދުސް ހޮސްޕިޓަލްގައި ވެސް ޒަޚަމްވެފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ.
އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ބައްޝާރު މުރާދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަނީ ހޮސްޕިޓަލަށް ވަރަށް ބިރުވެރި އިންޒާރުތަކެއް ދީފައެވެ. ބޮން ގޮއްވުމުގެ އިންޒާރުގެ އިތުރުން ޒަޚަމްވެފައިވާ ފަރާތްތަކާއި މުވައްޒަފުން ވެސް ވަގުތުން ހޮސްޕިޓަލުން ނެރުމަށް އިސްރާއީލުން ބުނެފައިވާ ކަމަށް ބައްޝާރު ވިދާޅުވިއެވެ.
ޖުމުލަ 400 އަށް ވުރެ ގިނަ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން އެ ހޮސްޕިޓަލްގައި މިހާރު ތިބިއިރު، ގެދޮރު ގެއްލިފައިވާ ގާތްގަޑަކަށް 12،000 މީހުން ވެސް ތިބީ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދައިގެންނެވެ.
ހޮސްޕިޓަލް ހުސްކުރަން އެންގިއިރު، ތެލާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ ފަރުވާދޭ ސާމާނު ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން 15 ހޮސްޕިޓަލެއްގެ މަސައްކަތްތައް ވަނި އެއްކޮށް ހުއްޓާލަން މަޖުބޫރުވެފައެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކަށް ޔަހޫދީ އިސްރާއީލުންގެ އިންޒާރުތައް ކޮންމެ ދުވަހަކު ވެސް އަންނަނީ ލިބެމުންނެވެ. ހޮސްޕިޓަލްތަކަށާއި އެ ތަންތަން ވަށައިގެންވާ ސަރައްދުތަކަށް އެކި ވަރުގެ ހަމަލާތައް ވެސް ޔަހޫދީން ދަނީ ދެމުންނެވެ.
މީގެ ދެ ހަފުތާ ކުރިން ޣައްޒާގެ އަލް އަހުލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 800 މައުސޫމް އާންމުން މަރުވެފައިވާއިރު، މިއީ މިހާރު ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތައިލުމުގެ ހަނގުރާމައިގައި އެއްފަހަރާ އެންމެ ގިނަ މީހުން މަރުވި ހަމަލާއެވެ.