އެކިއެކި ޑިވައިސްތަކުގައި ޑީފޯލްޓް ސާޗް އިންޖީނެއްގެ ގޮތުގައި ގޫގުލް ހެދުމަށް 2021 ވަނައަހަރު އެކަނި ވެސް 26 ބިލިއަނަށްވުރެ ގިނަ ޑޮލަރު އެކުންފުނިން ޚަރަދުކުރިކަން ހާމަވެއްޖެއެވެ.

ގޫގުލްގެ ސާޗް އާއި އިޝްތިހާރުތައް ބަލަހައްޓާ ސީނިއާ ވައިސް ޕްރެޒިޑެންޓް ޕްރަބާކަރް ރަގަވަން މި އަދަދު ހާމަކުރެއްވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެ ކުންފުންޏާ ދެކޮޅަށް މިހާރު ބަލަމުން އަންނަ އެންޓިޓްރަސްޓް ދައުވާގެ މައްސަލައިގެ ތެރެއިން ކަމަށް ބުލޫމްބާބްގައި ބުނެފައިވެއެވެ. އޭނާ ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޑިފޯލްޓް ސްޓޭޓަސްއަށް ގޫގުލްއިން ދައްކާ ފައިސާ ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ.

ބުލޫމްބާގްގައި ބުނެފައިވާ ގޮތުގައި 26.3 ބިލިއަން ޑޮލަރުގެ ބޮޑު ޚަރަދެއް 2021 ވަނަ އަހަރު ގޫގުލްއިން ކޮށްފައި ވާއިރު، އެއީ މިހާތަނަށް އެއްއަހަރަކަށް އެކުންފުނިން ކުރި އެންމެ ބޮޑު ހޭދައެވެ. އަދި ގޫގުލްއިން މިދިޔަ އަހަރު ސާޗް އިޝްތިހާރުގެ އާމްދަނީގެ ގޮތުގައި 146.4 ބިލިއަން ޑޮލަރު ހޯދާފައިވާ ކަމަށްވެސް އެރިޕޯޓްގައިވެއެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނަނީ މިބާވަތުގެ އެއްބަސްވުންތަކުގެ ސަބަބުން ވާދަވެރިން ފްރީޒްވެ، ގޫގުލްއަށް ގާނޫނާ ޚިލާފަށް ފައިދާ ހޯދައި ބާރު ދެމެހެއްޓުމުގެ ފުރުސަތު ލިބޭ ކަމަށެވެ. ނަމަވެސް ގޫގުލްއިން ބުނަނީ މި ޑީލްތަކަކީ ޓެކް އިންޑަސްޓްރީގައި ގާނޫނީ އަދި އާންމު ޑީލްތަކެއް ކަމަށެވެ.

މަޝްހޫރު ޕްލެޓްފޯމްތަކާއި ޑިވައިސްތަކުގައި ޕްރީސެޓް ޑިފޯލްޓް ޕޮޒިޝަން ކަށަވަރު ކުރުމަށް ގޫގުލްއިން ދައްކަން ބޭނުންވަނީ ކިހާ ވަރެއްގެ ފައިސާއެއްކަން ރަގަވަންގެ ހެކިބަހުން އެނގެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިކަމުގެ ސަބަބުން އޮޓަމެޓިކުން އެތައް ބިލިއަން ސާޗްތަކެއް ގޫގުލްއާ ދިމާލަށް ގޮސް، ވާދަވެރި ސާޗް އިންޖީނުތައް ފަހަތަށް ޖައްސާލުމަށް މަގުފަހި ކޮށްދޭ ކަމަށެވެ.

ގޫގުލްގެ އާދަޔާ ޚިލާފު މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވާދަވެރިންނަށް ކުރިމަތިލާން ޖެހިފައި ވަނީ އުނދަގޫ ހަނގުރާމައަކާ ކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ. ނަމަވެސް ރެގިއުލޭޓަރުން އުއްމީދު ކުރަނީ މި އެއްބަސްވުންތަކަކީ އެންޓިޓްރަސްޓް ގާނޫނާ ޚިލާފު އެއްބަސްވުންތަކެއްކަން ސާބިތުކޮށްދިނުމުގެ ސަބަބުން އެހެނިހެން ސާޗް ޚިދުމަތްތަކަށް މާކެޓް ހިއްސާ ހޯދުމުގެ ދޮރުތައް ހުޅުވޭނެ ކަމަށެވެ.