އަންކަރާ (29 އޮކްޓޯބަރު 2023): ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން އިސްރާއީލާ ދެކޮޅަށް ދެއްވާ ބަހުގެ ހަމަލާތަކާއި އިސްރާއީލަކީ ހަނގުރާމައިގެ މުޖްރިމު ދައުލަތެއް ކަމަށް ކަނޑައަޅައި އިސްރާއީލުގެ ވެރިންގެ މައްޗަށް ޝަރީއަތް ހިންގާނެ ކަމަށް ދެއްވަމުން ގެންދަވާ އިންޒާރުތަކާ ގުޅިގެން ތުރުކީއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ ހަރުކަށި އިންޒާރުތައް އިސްރާއީލުން ދިންނަމަވެސް އިސްރާއީލަކީ ތުރުކީއާ ދެކޮޅަށް މާބޮޑުކަމެއް ކުރެވޭވަރުގެ ބުރަދަންހުރި ގައުމެއް ނޫންކަމަށް މުރާސިލުން ބުނެފިއެވެ.

ތުރުކީގައި ތިއްބަވާ ބޭރުގެ މުރާސިލުންނާއި ތުރުކީގެ މުހައްލިލުން ވިދާޅުވާގޮތުގައި ތުރުކީއަކީ ނޭޓޯގެ އެންމެ ބާރުގަދަ އެއްގައުމުކަމަށް ވެފައި ތުރުކީއަކީ އާބާދީ ބޮޑު ބިޔަ ގައުމަކަށްވެފައި ތުރުކީ އޮންނަ ސްޓްރެޓީޖިކް ލޮކޭޝަންގެ ސަބަބުންނާއި ތުރުކީ ސަރުކާރަކީ އެމެރިކާ ކުރިމަތީގައިވެސް ކުޅިޖަހައި ކުޅި ހަމަކުރަން ޖެހިލުންނުވާ ސަރުކާރެއް އޮތް ގައުމެއްކަމުން އިސްރާއީލާމެދު ތުރުކީ ކޮންމެ ގޮތަކަށް ކަންކުރިނަމަވެސް އިސްރާއީލުގެ ދިފާއުގައި ތުރުކީ އާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާއަށްވެސް އަދި ޔޫރަޕްގެ އިއްތިޙާދަށްވެސް ކުރަން ކެރޭނެ ކަމެއް ނޫނެވެ.

ތުރުކީ ޗައިނާކޮޅަށް ނޫނީ ރަޝިއާ ކޮޅަށް ޖެހިލައިފިނަމަ މުޅި ސަރަހައްދު ޖިއޮޕޮލިޓިކަލް ގޮތުން ހުޅަނގަށް ގެއްލިގެންދާނެކަމުގެ ބިރު އެމެރިކާއާއި ޔޫރަޕް އިހުސާސް ކުރާކަމަށް އަންކަރާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ވިދާޅުވިއެވެ.

ސްޓްރެޓީޖިކް މުހައްލިލެއްކަމަށްވާ ޑރ. މުހައްމަދު މުޚްތާރު އައްޝަންގީތީ ވިދާޅުވިގޮތުގައި ތުރުކީގެ ރައީސް އެރުދުޣާން އަކީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރައްވާ އަދި އިސްރާއީލުގެ ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅަކަށްވިނަމަވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އުދުވާން ހިންގަންފެށިތާ ކުރީކޮޅު ތުރުކީ އޮތީ ވަރަށް ހިމޭނުންނެވެ.

ތުރުކީގެ ރައީސްގެ ސްޓޭންޑް ބަދަލުކުރައްވައި އިސްރާއީލާ ދެކޮޅަށް ވަރުގަދަކޮށް އެރުދުޣާން ނުކުންނެވީ ޣައްޒާގެ މައުމަދާނީ ހޮސްޕިޓަލަށް އިސްރާއީލުން ހަމަލާދީ 500 މީހުން ޝަހީދުކޮށްލި ގަތުލުއާންމަށްފަހު ތުރުކީގެ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަގުތަކަށް ނުކުމެ ކެކިއަރަން ފެށުމުންކަމަށާއި އެއަށްފަހު އިސްރާއީލަކީ ޣައިރު ގާނޫނީ ދައުލަތެއްކަމަށް ސިފަކޮށް އިސްރާއީލާ ދެކޮޅަށް ހުތުރުވެގެން ތުރުކީ ނުބުނާ ބަހެއް ނުކިޔާ އެއްޗެއްނެތްކަމަށް ޝަންގީތީ ވިދާޅުވިއެވެ.

އެރުދުޣާން އެންމެފަހުންވަނީ އިސްރާއީލާއެކު ކުރިޔަށްގެންދާ އިގްތިސާދީ ގުޅުންތަކާއި ހަކަތައިގެ ގުޅުންތައްވެސް ނިމުމަކަށް ގެނައިކަން ހާމަކުރައްވާފައެވެ. އަދި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާ މައްސަލާގައި އިސްރާއީލަކީ މުޖުރިމު ދައުލަތެއްގެ ގޮތުގައި ކަނޑައަޅައި އިސްރާއީލުގެ ވެރިންގެ މައްޗަށް ޖިނާއީ ދައުވާކުރުމުގެ ކަންތައް ކުރިޔަށްގެންދާނެކަމަށްވެސް އެރުދުޣާންވަނީ ވިދާޅުވެފައެވެ.

އިސްރާއީލު ދަށުވެގެން އެމެރިކާއާއި ޔޫރަޕް އޮންނަން ޖެހުނުނަމަވެސް ތުުރުކީ އެގޮތަށް ނޯންނާނެކަމަށް އެރުދުޣާން ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި އިސްރާއީލުވަނީ ތުރުކީއާ ދެކޮޅަށް އެޅެންހުރީ ކޮން ފިޔަވަޅުތަކެއްތޯ ބަލާނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ޝަންގީތީ ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ސަބަބުން ހުޅަނގު ދުނިޔެވެސް ހިމެނޭގޮތަށް މުޅި ދުނިޔޭގެ ޒަމީރުވަނީ އިސްރާއީލާ ދެކޮޅަށް ތެދުވާން ފަށާފައެވެ. ކުރިން އިސްރާއީލާ ދެކޮޅަށް އިންޒާރެއްދީ އެއްޗެއް ބުނާ ފަރާތަކީ ނުވަތަ ގައުމަކީ ނުބައި ގައުމަކަށް ހަދައި އެފަރާތަކާ ދެކޮޅަށް ހުޅަނގުން ފިޔަވަޅު އެޅިނަމަވެސް މިހާރު ހާލަތުވަނީ މުޅިން ބަދަލުވެފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ ދޮގުތަކާއި އިސްރާއީލު ހިމާޔަތް ކުރުމަށް ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުންނާއި ހުޅަނގުގެ މީޑިއާ ތަކުން ހަދަނީ މުޅިންވެސް ދޮގުކަން މިހާރު ގައުމުތަކުގެ އާންމުންނަށްވަނީ ވަރަށް ރަނގަނޅަށް އެނގިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާ އަދި ޔޫރަޕް މިހާރުވަނީ އިސްރާއީލު ހިމާޔަތް ކުރަންއުޅުމުގެ ސަބަބުން ދުނިޔޭގައި އެކަހެރިވެފައިކަންވެސް އޭނާ ފާހަގަ ކުރެއްވިެއެވެ.

އދ. ގައި އިއްޔެ ޕާކިސްތާނުންވެސްވަނީ އިސްރާއީލުގެ ދިފާއުގައި ވާހަކަ ދެއްކެވި ކެނެޑާގެ މަންދޫބާ ދިމާއަށް ވަރަށް ލަދުވެތިގޮތަކަށް ރައްދު ދީ އޭނާ ލަދުގަންނަވާލާފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލު އާންމުތަކަށް އެމެރިކާއާއި ޔޫރަޕުން ފާޅުގައި ވާގިވެރިވާއިރު އިންސާނީ ހައްގުތަކުގެ މައްސަލާގައި ހުޅަނގުން ދެން އެހެންގައުމުތަކަށް ދޭން އޮންނާނީ ކޮންފިލާވަޅެއްތޯ ދައްކަން އޮންނާނީ ކޮން ވާހަކައެއްތޯ ހުޅަނގުގެ ލީޑަރުން އެބޭފުޅުންގެ އަމިއްލަ ނަފްސާ މިހާރުވަނީ ސުވާލު ކުރަން ފަށާފައި ކަމަށް ޑރ. ޝަންގީތީ ވިދާޅުވިއެވެ.

އިސްރާއީލު ކުށްވެރިކޮށް ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރުން އެމެރިކާއާއި ޔޫރަޕްގައި މަނާކޮށްފައި ވީނަމަވެސް އެމެރިކާއާއި ޔޫރަޕްގެ އާންމުންވަނީ މިކަމަށް ގޮންޖަހައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކުން އެގައުމުތަކުގެ މަގުތަކާއި މައިދާންތައް ފުރާލާފައެވެ. ޑރ. ޝަންގީތީ ވިދާޅުވިގޮތުގައި އިންސާނީ ހައްގުތަކާއި މިނިވަންކަމާއި ޑިމޮކްރަސީގެ ނަމުގައި ކުރާ ޕްރޮޕަގެންޑާތަކުގައި ހުޅަނގު ދުނިޔެ މިހާރުވަނީ ވަރަށް ބޮޑަށް ބޭޒާރުވެ ފަޟީހަތް ވެފައެވެ.