29 Oct 2023, 14:52
މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ބަލަން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
އެކަމާ ގުޅިގެން މިއަދު ޑިމޮކްރެޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި، ދިމާކޮށްފައިވާ ކަމަށެވެ. އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދީ ފޯނަށާއި ދަބަހަށް އަމާޒުކޮށް ވެސް ފެން ޖަހާފައިވާކަމަށެވެ.
"އެ މުވައްޒަފުންނާ ދިމާކޮށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ބޭފުޅުންގެ ތަކެއްޗަށް ގެއްލުންދީފައިވެއެވެ. އަދި މަރަދު ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، ރިޔާސަތުގެ ސަރަހައްދަށް ވަންނަވައު ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވައިދާ ޚިލާފުވެވަޑައިގެންފައި ވެއެވެ." ބަޔާނުގައިވެއެވެ.
އެ އަމަލުތައް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ ނާތަހުޒީބު އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް ޑިމޮކްރެޓްސްއިން ވަނީ އެފަދަ އަމަލުތައް މަޖިލީހުގެ ތެރޭގައި ނުހިންގުމަށް ގޮވާލާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވަނިކޮށް ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާން ފޮނުއްވާފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތުގައި ހުންނަވަން ޖެހޭނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ކަމަށް ވިދާޅުވެ، އަމީންއާންމު ވަނީ މިއަދުގެ ޖަލްސާ ނުބާއްވަވަން ނިންމަވާފައެވެ. އަދި އެ މައްސަލަ ވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ.
އެމްޑީޕީން ވަނީ ގަރާރުގެ މައްސަލަ ކުރިއަށްނުގެންދަނީ ނަޝީދާއި އީވާ ރާވާއިގެން ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ޕާޓީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.