އިއްޔެގެ ނިޔަލަށް މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިކަމަށް, ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން އަންދާޒާ ކުރީ މި މަހުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށާއި މި އަހަރުގެ ނިޔަލަށް އެ އަދަދު 1.8 މިލިއަނަށް އަރާނެ ކަމަށެވެ. މިމަހުގެ ނިޔަލަށް ކަނޑައެޅި ޓާގެޓް އިއްޔެ މިވަނީ ހާސިލް ވެފައެވެ.

ޓޫރިސްޓުން ޒިޔާރަތް ކުރި، މާކެޓުތަކަށް ބަލާއިރު، އެއްވަނައިގައި މި ހަފުތާގައި ވެސް އޮތީ ރަޝިއާއެވެ. އެގޮތުން މި މަހު މިހާތަނަށް އެ ގައުމުން 172،472 ފަތުރުވެރިންވަނީ ޒިޔާރާތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ 163،513 ފަތުރުވެރިންނެވެ. ތިންވަނައިގައި ޗައިނާ އޮތްއިރު އެ ގައުމުން މިހާތަނަށް 163،036 ފަތުރުވެރިން އައިސްފައިވެއެވެ.

މި ހަފުތާގައި ޗައިނާ ތިންވަނައަށް ދިޔައީ، އިންޑިއާއިން އިތުރު 500 އެއްހައި ފަތުރުވެރިން އައުމުންނެވެ.

ރާއްޖެއަށް ބޭރުގެ 33 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ 1،272 ތަނެއްގައި 62،868 އެނދު މިހާރު އެބަ ހިންގައެވެ. އޭގެ ތެރެއިން ބޮޑު ޕަސެންޓަކީ ރިސޯޓްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އެނދެވެ.