29 Oct 2023, 13:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މައްސަލައިގައި، އެ ގަރާރުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރުމަށް ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން އެދެފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރި ނަމަވެސް، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވާފައިވުމުން ޖަލްސާ ނުބޭއްވޭނެ ކަމަށް އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ނިންމަވާފައެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ އަމީންއާންމުގެ ނިންމެވުމަކީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ފެންނާތީއެވެ. އެގޮތުން އެ މައްސަލައިގައި ދެ ކަމަކަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އަފީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ކަނޑައަޅާފައިވާ ގޮތަށް، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިޔާސަތުގައި އިންނަވަން ނައިބު ރައީސަށް ވަޑައިނުގަނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތަށް އަމަލުކުރަން އިދާރާގެ މައްޗަށް ލާޒިމުވާ ކަމަށް ކަނޑައަޅުއްވައި ދިނުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި ދެން އެބަތިއްބަވާ ފަސް މެންބަރުން އެއީ ކުރިން ވެސް ކަނޑައެޅިފައި އޮތް ގޮތެއް،" އަފީފް ވިދާޅުވިއެވެ.
"އެ ފަސް މެންބަރުންނަކީ މިފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ވަންޏާ ވަކި އުސޫލެއްގެ ދަށުން ދެން މިފަދަ ހާލަތެއްގައި ޖަލްސާއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ޓަކައި ކަނޑައެޅިފައިވާ ފަސް މެންބަރުން."
އޭގެ އިތުރަށް، ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވާ ނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާކަން އަފީފް ފާހަގަކުރެއްވިއެވެ. އެހެންވެ، މިހާރު ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ނިމުމުން ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށްނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ އެކަށީގެންވާ އަދަދަކަށް މެންބަރުން މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން، މަޖިލީހުގެ ކަންކަމުގައި ދެން ރައީސްގެ ބަހެއް ނުހޯދާނެ ކަމަށެވެ.
"އެ މައްސަލަ ކުރިއަށްގެންދިޔުމާއި ނުގެންދިޔުމުގެ ބާރު އަނެއްކާވެސް ރައީސްގެ އަތަށް ދިޔައިމަ ކޮންތާކު މިޖެހެނީ؟... [މަޖިލިސް ގަވާއިދުގައި އޮންނަނީ] ނޯޓިސް ދިނުމަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް ކުރިއަށްގެންދަން ޖެހޭނެއޭ. އެހެންވީމަ އެކަން ނުކޮށް އެހެން ކަމެއް ނުކުރެވޭނެނޫންތޯ،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން އެ މައްސަލަ ހުށަހަޅާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރެއްވުން އަންނަ މަހުގެ 17ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ޕީޖީން ވަނީ، އިތުބާރު ނެތް ރައީސަކު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އިންތިޚާބީ ރައީސް ކުރައްވާ ހުވާ ބަލައި ނުގަންނާނެ ކަމަށް ބުނެފައެެވެ. ނަމަވެސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ގާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އެމްޑީޕީން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފައެވެ. ނަމަވެސް މި ދައުރުގައި 49 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ވަނީ އަލުން ހުށަހަޅާފައެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.