17 May 2012, 09:50
ސަބްސިޑީ ބޭނުންވާ މަސްވެރިންނަށް ސަބްސިޑީއަށް ރެޖިސްޓްރީ ކުރަން ހުށައެޅުމުގެ ފުރުސަތު މިއަންނަ ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މަސްވެރިންނަށް ސަބުސިޑީ ދިނުމުގެ އުސޫލުތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް އިތުރު ހައްލު ގެނައުމުގެ ގޮތުން ވީހާވެސް އިންސާފުވެރިގޮތަކަށް ސަބްސިޑީ ދިނުމުގެ ގޮތުން މާލިއްޔަތު ކޮމިޓީއަށް ހުށައަޅާފައިވާނެ ކަމަށާއި މާލިއްޔަތު ކޮމިޓީން ފައިސާ ދޭނެ ގޮތްތަކެއް ކަނޑައަޅައި ނިންމުމުގެ ކުރިން ސަބްސިޑީ ބޭނުންވާފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައްވަނީ ކަމަށެވެ.
"މިދިޔަ އަހަރު ނިމުނު ހިސާބުން ނެރެފައިވާ އޯޑިޓް ރިޕޯޓްގައި ވަރަށް ބޮޑަށް ފާހަގަކުރެވިފައި ހުރި ސަބްސިޑީ ދީފައި ހުރި އިރު ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް. އެހެންވީމަ އެކަން ހަރުދަނާކޮށް ވިހާވެސް އިންސާފުވެރި ދެފުށް ފެންނަ އުސޫލަކުން ސަބްސިޑީ ދެވޭނެ ގޮތެއް ކަނޑައަޅާފައި އެކަން ޕްރޮޕޯސް ކޮށްފައިވަނީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލިއްޔަތު ކޮމިޓީން ސަބްސިޑީ ދިނުމާއި ގުޅޭގޮތުން ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަހު މިނިސްޓްރީއަށް އެންގެވިހާ އަވަހަކަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަވާލު ކުރުމުގެ މަސައްކަތްތަށް ކުރިއަށް އޮތް ޖޫން މަހުގެތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ.
ސަބްސިޑީއަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާއިރު ވީހާވެސް ފަސޭހަވާ ގޮތަށް އެކަން މަސްވެރިންނަށް ފަހިކޮށްދެއްވާނެ ކަމަށާއި އެގޮތުން މިނިސްޓްރީގެ އިތުރުން އަތޮޅު ކައުންސިލްތަކުން އެހިދުމަތް ހޯދުމުގެ މަގުފަހި ކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިންނަށް ސަބްސިޑީ ދޭނެ އުސޫލުތައް ބަޔާންކޮށް ފިޝަރީޒުން ބުނެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ 1058 ދޯންޏަށް ތެލުގެ ސަބްސިޑީގެ ގޮތުގައި 76.5 މިލިއަން ރުފިޔާ ދޭންޖެހޭއިރު، އައިސްގެ ގޮތުގައި ސަބްސިޑީ ދިނުމަށް 12.721 މިލިއަން ރުފިޔާ ދޭން ބޭނުންވާ ކަމަށެވެ. އަދި ދޯނިތަކުގައި ވީއެލްޑީ ހަރުކުރުމަށް 7.1 މިލިއަން ރުފިޔާ ދިނުމަށް ވެސް ފިޝަރީޒުން މާލިއްޔަތު ކޮމެޓީގެ ލަފަޔަށް ވަނީ އެދިފައެވެ.