29 Oct 2023, 13:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް މިއަދު ޖަލްސާ ނުބޭއްވުމުން ހަޅުތާލު ކުރަމުންދާ މެންބަރުންތަކެއް، އިދާރީ މޭޒު މަތީގައި ހުރި ކޮމްޕިއުޓަރުތަކަށް ގެއްލުންދީފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ މޮނީޓަރު ނަގައި ވައްޓާލައްވާ މަންޒަރު ފެނެއެވެ. އެ ވަގުތު މޮނީޓަރު ފެން ތައްޓެއްގައި ޖެހުމުން ފިލްޒާ އެ ފެން ތަށި ނަގާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙަސަން ޒިޔާއު މިއަދު "ސަން"އަށް ވިދާޅުވީ މެންބަރުންތަކެއް އިދާރީ މޭޒު ކައިރިއަށް އެއްވެ، މޮނީޓަރު ނަގާ ވައްޓާލުމުން ފިލްޒާގެ ފޯނުގައި ޖެހި، ފޯނު ތަޅައިގެން ދިޔަ ކަމަށެވެ. އަދި ކީބޯޑުތަކަށާއި ބައެއް ލިޔެކިޔުމަށް ފެން އެޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިން ކޮމްޕިއުޓަރު ހުންނާނެ އެތާ ޖެހިޖެހިގެން. ދެން ބަލަމުން މިދަނީ ކޮން ގެއްލުމެއްތޯ ލިބުނީ،" ޒިޔާއު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ފިޔަވަޅެއް އަޅާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވި އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މިއަދުގެ ޖަލްސާ ނުބޭއްވުނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ވިދާޅުވުމުންނެވެ.
ޖަލްސާއަށް ހާޒިރުވި މެންބަރުންނާ މުހާތަބު ކުރައްވައި އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތުގައި އިންނަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވައިދުގައި އޮންނަ ކަމަށެވެ. އެހެންވެ، އީވާ ސަލާން ފޮނުއްވުމުން މިއަދުގެ ޖަލްސާ ނުބާއްވައި، އިތުބާރުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
އޭގެ ސަބަބުން އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށް، ނިއުޝާއަށް ފާޑުވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއްގައި ނައިބު ރައީސަށް ބައިވެރިވެވަޑައިނުގަނެވޭ ނަމަ ކަންތައް ކުރާނެ ގޮތެއް ގަވާއިދުގައި ބަޔާންކޮށްފައި ނެތް ނަމަވެސް، ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭނަމަ ދެން އަމަލު ކުރާނެ ގޮތް ގަވާއިދުގައި އޮންނަ ކަމަށް އެ މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އެ ގަރާރުގެ މަސައްކަތް ހުއްޓުވާ ކަމަށް ބުނެ އެ މައްސަލަވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.