އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފީނިކްސް ސަންސް އާއި ޔޫޓާ ޖޭޒް ބައްދަލު ކުރި މެޗް ސަންސް ކާމިޔާބުކޮށްފިއެވެ.

ފީނިކްސްގެ ފުޓްޕްރިންޓް ސެންޓާގައި ކުޅުނު މި މެޗް ސަންސް ކާމިޔާބުކުރީ 126 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

މި މެޗްގައި ފެށުނީއްސުރެ ނިމެންދެން ކުރީގައި އޮތީ ސަންސްއެވެ. މިގޮތުން ފުރަތަމަ ކްއާޓާ ނިމުނުއިރު ސަންސް ވަނީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި މެދަށް ހުއްޓިއިރު ސަންސް ވަނީ 16 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މި މެޗްގެ ތިންވަނަ ކްއާޓާ ވެގެންދިޔައީ ސަންސްއިން އެންމެ ބޮޑު ލީޑެއް ނެގި ކްއާޓާއަށެވެ. މި ކްއާޓާއަށް އެކަނި ބަލާލި ނަމަވެސް ސަންސްއިން ވަނީ 12 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މި މެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ކެޔޮންޓޭ ޖޯޖްއެެވެ.

މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެންމެފަހުގެ ފައިނަލްގައި ވާދަކުރި މައޭމީ ހީޓް ވަނީ މިނެސޯޓާ ޓިމްބަވުލްވްސް އަތުން 106 ޕޮއިންޓް 90 ޕޮއިންޓުން ބަލިވެފައެވެ. މި މެޗްގައި ޓިމްބަވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ނާޒް ރީޑްއެވެ. އަދި ހީޓްގެ ޓައިލާ ހޭރޯވަނީ 22 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ.

ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗް 114 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސާސްއެވެ. މިމެޗްގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 34 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓާސްގެ ސްކޮޓީ ބާންސްވަނީ 24 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ.

މީގެ އިތުރުން އިންޑިއާނާ ޕޭސާސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 113 ޕޮއިންޓުން ޕޭސާސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 96 ޕޮއިންޓް 87 ޕޮއިންޓުން ކާމިޔާބު ކުރީ ޕެލިކަންސްއެވެ.