29 Oct 2023, 14:05
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި އޯޝޭނިއާ ސަރަހައްދަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އޮސްޓްރޭލިއާ އާއި ނިއުޒީލަންޑްގެ ކުރިމަތިލުން އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފިއެވެ.
ދަރަމްސާލާގައި ކުޅުނު މި މެޗް އޮސްޓްރޭލިއާއިން ކާމިޔާބުކުރީ ފަސް ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ ގިނަ ލަނޑުތަކެއް ހެދިތަން ފެނިގެން ގޮސްފައެވެ.
މި މެޗްގެ ޓޮސް ދިމާވުމުން ނިއުޒީލެންޑްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މި ގޮތުން އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ކުޅެން އަރާ 49 އޯވަރު ދެ ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 388 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 109 ލަނޑު ހަދާދިން ޓްރެވިސް ހީޑްއެެވެ.
މީގެ އިތުރުން ޑޭވިޑް ވޯނާވަނީ 81 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ނިއުޒީލަންޑަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 37 ލަނޑަށް ތިން ވިކެޓް ނަގައިދިން ގްލެން ފިލިޕްސް އާއި 10 އޯވަރު 77 ލަނޑަށް ތިން ވިކެޓް ނަގައިދިން ޓްރެންޓް ބޯލްޓްއެވެ.
ޖަވާބުގައި ނިއުޒީލަންޑް އިން ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 383 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުލެފައިވަނީ 116 ލަނޑު ހަދައިދިން ރަޗިން ރަވިންދުރައެވެ. އަދި ޖިމީ ނީޝާމް ވަނީ 58 ލަނޑު ހަދައިދީފައެވެ. އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 74 ލަނޑަށް ތިން ވިކެޓް ނަގައިދިން އެޑަމް ޒަމްޕާއެވެ. އަދި ޖޯޝް ހެޒްލްވުޑް އާއި ކެޕްޓަން ޕެޓް ކަމިންސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ވިކެޓް ނަގައިދީފައެވެ.
މި ކާމިޔާބީއާއެކު އޮސްޓްރޭލިއާ މިހާރު މި ވަނީ އެ ޓީމް އެންމެ ފަހުން ކުޅުނު ހަތަރު މެޗް ވެސް ކާމިޔާބުކޮށްފައެވެ. އަދި މިވަގުތު އުޅެނީ ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ނިއުޒީލަންޑް އުޅެނީ ތިން ވަނައިގައެވެ.