29 Oct 2023, 12:23
ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ޑާމްޝްޓާޑް ނައިންޓީ އެއިޓް ބައްދަލުކުރި މެޗް ބޮޑު ތަފާތަކުން ބަޔާން ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ އަށް ލަނޑު ސުން ލަނޑުންނެވެ.
ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފް ވެގެންދިޔައީ އާދަޔާ ހިލާފް ހާފަކަށެވެ. މިގޮތުން މިހާފްގައި ލަނޑެއް ފެނުމުގެ ބަދަލުގައި ފެނިގެންދިޔައީ ތިން ރަތް ކާޑެވެ. ބަޔާންގެ ފެށުން މާރަނގަޅަށް ނުދިޔަ މި މެޗްގެ ފުރަތަމަ ކާޑް ފެނިގެންދިޔައީ ބަޔާންއާ ދެކޮޅަށެވެ. މި ގޮތުން މެޗްގެ ހަތަރު ވަނަ މިނެޓްގައި ބަޔާންގެ ޖޯޝުއާ ކިމިޗްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި އާއެކު މި މެޗް ބަޔާންއަށް އުނދަގޫ ވެގެންދާނެކަމަށް ބެލެވިފައި ވަނިކޮށް ދެން ފެނިގެންދިޔައީ މެޗްގެ 21 ވަނަ މިނެޓްގައި ޑާމްޝްޓާޑްގެ ކްލައުސް ގިޔަސޫލާއަށް ރަތް ކާޑު ދެއްކި ތަނެވެ. އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެ ޓީމްގެ މަޓެއި މަގްލީކާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މިއާއެކު ޑާމްޝްޓާޑްއިން މެޗްގެ ބާކީބައި ކުޅެފައިވަނީ ނުވަ ކުޅުންތެރިންނާއެކުއެވެ.
މި މެޗްގެ ދެވަނަ ހާފްގައި ބަޔޭންއިން ވަނީ ޑާމްޝްޓާޑްގެ އެއް ކުޅުންތެރިއެއް މަދުވުމުގެ ފައިދާ ފުރިހަމައަށް ނަގާފައެވެ. މި މެޗްގައި ބަޔޭންގެ ފުރަތަަމަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާ އެ ޓީމަށް ލީޑު ނަގާދިނީ ހެރީ ކޭންއެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ލިރޯއި ސާނޭ ވަނީ ބަޔޭންގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗްގެ 60 ވަނަ މިނެޓްގައި ބަޔޭންގެ ތިން ވަނަ ލަނޑު ޖަހައި ދިނީ ޖަމާލް މުސިއެލާއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައި ދިނީ ސާނޭއެވެ. މިމެޗްގައި ބަޔޭންއިން ޖެހި ފަސްވަނަ ލަނޑު ޖަހައިދިނީ ކޭންއެވެ. ކޭންގެ މިލަނޑަކީ ބަޔާންގެ ހާފްގެ ތެރޭގައި ހުރެ ވަރަށް ދުރުން ކޭން ކާމިޔާބުކުރި ލަނޑެކެވެ.
ބަޔާންގެ ހަވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ތޯމަސް މުލާ ކާމިޔާބުކުރިއިރު ހަތްވަނަ ލަނޑު ޖަހައި ދިނީ މުސިއެލާއެވެ. އަދި ފަހު ލަނޑު މެޗްގެ 88 ވަަ މިނެޓްގައި ޖަހާ ކޭންވަނީ މިމެޗްގައި ހެޓްރިކެއްވެސް ހަދައިފައެވެ. މިއާއެކު އޭނާ މިވަނީ ބަޔާންއަށް މިހާތަނަށް ކުޅެދިން 9 މެޗްގައި 12 ލަނޑު ޖަހާފައެވެ.
ބުންޑަސްލީގާގައި މީގެ ކުރިން ނުވަ މެޗްގައި މިއަދަދަށް އެހެން ކުޅުންތެރިއަކަށް ލަނޑު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗްގައި ބަޔާންގެ ތަޖްރިބާ ކާރު ކީޕާ މެނުއަލް ނޯޔާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފައިބިންދައިގެން ދިޔަ ފަހުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ފުރަތަމަ ފަހަރަށް ކުޅެފައެވެ.
މި ކާމިޔާބީއާއެކު ބަޔާން މިހާރު އުޅެނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައެވެ. ނަމަވެސް މިރޭ ބަޔާ ލެވަކޫސެން އާއި ފްރެއިބާގް ބައްދަލުކުރާ މެޗް ލެވަކޫސެން ކާމިޔާބު ކޮށްފި ނަމަ އެއް ވަނައަށް އެ ޓީމް އަރާނެއެވެ. އަދި ޑާމްޝްޓާޑް އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.